ކ. މާލެ
|
24 ފެބްރުއަރީ 2024 | ހޮނިހިރު 10:37
ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ރެޓްކްލިފް
ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ރެޓްކްލިފް
ޓްވީޓަރ
މެންޗެސްޓަރ ޔުނައިޓެޑު
ރެޓްކްލިފް އަކީ ޔުނައިޓެޑަށް އެންމެ އެކަށީގެންވާ މީހާ: ޓެން ހާގް
 
އޭނާ ބުނީ ރެޓްކްލިފްގެ ފަރާތުން އެއްވެސް ޕްރެޝަރެއް ކުރިމަތި ނުވާ ކަމަށް

އިނގިރޭސި ވިލާތުގެ މަހުޖަނު، ޖިމް ރެޓްކްލިފް އަކީ މެންޗެސްޓަރ ޔުނައިޓެޑަށް އެންމެ އެކަށީގެންވާ މީހާ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ރެޓްކްލިފްގެ ކުންފުނި އިނިއޯސް އިން ވަނީ ޔުނައިޓެޑުގެ 25 އިންސައްތަ ހިއްސާ ގަނެފަ އެވެ. އެއާއެކު، ޔުނައިޓެޑާ ގުޅުން ހުރި އެންމެހައި ކަންކަމުގައި ބަސް ބުނުމުގެ ބާރު ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ. ރެޓްކްލިފް ވަނީ ޔުނައިޓެޑާއެކު ކުރިއަށް ދާން ބޭނުންވާ ގޮތުގެ ޕްލޭންތަކެއް ހަދައި، މަސައްކަތް ކުރާނެ ގޮތްތަކެއް ވެސް އެކުލަވާލައިފަ އެވެ.

ރެޓްކްލިފްއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، އޭނާ އަކީ ޔުނައިޓެޑަށް އެންމެ އެކަށީގެންވާ މީހާ ކަމަށާއި، އެންމެ ތިބީ އެއް މިސްރާބެއްގައި މަސައްކަތް ކުރަން ކަމަށެވެ. ޔުނައިޓެޑާއެކު ކުރިއަށް ދާން އޭނާ ބޭނުންވާ ގޮތުގެ ޕްލޭނެއް އޮތްކަން ފާހަގަކޮށް ޓެން ހާގް ބުނީ، ރެޓްކްލިފްގެ އޮތީ ވެސް ހަމަ އެ ޕްލޭން ކަމަށެވެ. އެހެންކަމުން، ދެ ފަރާތުން ވެސް ބޭނުން ވަނީ އެއް އަމާޒެއް ކަމަށާއި، އެންމެ ފުރަތަމަ އޭނާ ޔުނައިޓެޑާ ހަވާލުވީ ވެސް ކާމިޔާބުގެ އަމާޒުގައި ކަމަށް ޓެން ހާގް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ރެޓްކްލިފްގެ ފަރާތުން އެއްވެސް ޕްރެޝަރެއް ކުރިމަތި ނުވާ ކަމަށާއި، ބޭނުން ވަނީ އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރުން ކަމަށެވެ. ޚާއްސަކޮށް ޓީމާ ގުޅުންް ހުރި ކަންކަމުގައި ވާހަކަ ދައްކައި، މަޝްވަރާ ކުރަން ޖެހޭ ޙާލަތެއް އަތުވެއްޖެ ނަމަ، އެކަން ވެސް ފުރިހަަމަ އެއްބާރުލުމާއެކު ކުރާނެކަން ޓެން ހާގް ވަނީ ފާހަގަކޮށްފަ އެވެ.

ޔުނައިޓެޑާ ހަވާލުވެ ފުރަތަމަކޮޅު ޓެން ހާގާއެކު އެ ޓީމުގެ ނަތީޖާތައް ރަނގަޅުވީ ނަމަވެސް، ދޭތެރެއަކުން އޭނާ އަށް ޕްރެޝަރު ބޮޑުވެ އެވެ. މި ސީޒަންގައި ނަތީޖާ ދަށްވެފައި އޮތް ނަމަވެސް، މިހާރު ޔުނައިޓެޑުން އަންނަނީ އަނެއްކާ ވެސް ނަތީޖާތައް ރަނގަޅުކޮށް، ގަދަ ހަތަރެއްގެ އުންމީދު ހިފަހައްޓަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް