ކ. މާލެ
|
24 ފެބްރުއަރީ 2024 | ހޮނިހިރު 18:59
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ކާޑެއްދޫ އޮއްވައި ތިނަދޫ، ކޫއްޑޫ އޮއްވައި ވިލިނގިލި: ކޮންމެ ދެ ރަށެއްގެ މެދުގައި އެޅޭ ހުވަފެނީ އެއާޕޯޓަކަށް "ހެއްލެނީ ރައްޔިތުން"!
 
މިއަދުގެ މި މަޝްރޫއުތަކަކީ، ހަގީގީ ކަންކަމަށް ވުރެ ވޯޓަށް ޖަހާ "ކަޑަ"ތަކެއްގެ ގޮތުގައި ދެކޭ ރައްޔިތުން ގިނަ

މިއީ އަދުގެ ހަމައެކަނި ވާހަަކައެއް ނޫނެވެ. އިންތިހާބުތަކާ ދިމާކޮށް "ކަޑަ" ޖެހުމަކީ އާންމު ކަމެކެވެ. އެކަމަކު ރާއްޖޭގެ ސިޔާސީ ޙަރަކާތުގައި، ވަކިން ޚާއްސަކޮށް ޖުމްހޫރިއްޔަތުގެ ދެވަނަ ދައުރުގެ މި ވެރިކަންތަކުގައި މި ވަރެއް ކުރި އަދި ކުރާ ބަޔަކު މި ނޫނީ ނުދެކެމެވެ.

މި ދައްކަނީ މި ސަރުކާރުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާ ދިމާކޮށް ރަށްރަށަށް ކުރަމުން ގެންދާ ދަތުރުތަކުގެ ވާހަކައެވެ. ކެމްޕޭނު ދަތުރުތަކެއް ނޫން ކަމަށް ބުނެ، ވައުދުވަނީ ކަޑަތަކެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި ގދ. ތިނަދޫ އަދި ގއ. ވިލިނގިއްޔަށް ވަޑައިގެން ކުއްލިއަކަށް ސޮއި ކުރެއްވި ދެ ބައިނަލްއަގުވާމީ އެއާޕޯޓުގެ ހަގީގަތް، 24 ގަޑިއިރު ނުވަނީސް ރައްޔިތުންނަށް އެނގި ހާމަވެއްޖެއެވެ.

މި މާސިންގާ ޕްރޮޖެކްޓްތަކަކީ، އެއްވެސް ޙާލެއްގައި އެކަން ކޮށްދޭން ކުރައްވާ ފަހުމުނާމާ ތަކެއް ނޫންކަން އެނގޭ ހިސާބަކީ، އެ މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކާއި، އެ ކަންކަން ފޮރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ނަޒަރު ހިންގޭ ހިސާބުންނެވެ. 600 މިލިއަން ޑޮލަރުގެ ތިނަދޫގެ ބައިނަލްއަގުވާމީ އެއާޕޯޓް ހަވާލުކުރި ކުންފުންޏަކީ، އެ ބުނާ އެތައް މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓް ހިންގޭނެ ވަރުގެ ގާބިލުކަން ހުރި ކުންފުންޏެއް ނޫނެވެ.

ކުޑަމިނުން އެ ފަހުމުނާމާގައި ސޮއި ކުރެއްވި، އެ ކުންފުނީގެ ސީއީއޯ ކަމަށް ވިދާޅުވި ބޭފުޅާއަކީ އެ ކުންފުނީގެ ސީއީއޯއެއް ވެސް ނޫނެވެ. ތިނަދޫން ރަނގަޅަށް ނުފޭބެނީސް، އޭގެ ހަގީގަތް ރައްޔިތުން ބެލިއިރު އެނގި ހާމަވީ އެއީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް ކަމެވެ. ފޮޓޯއަކަށް ދައްކާލި މަންޒަރެއް ކަމެވެ. އޭއައި ބޭނުންކޮށް ޖެނަރޭޓްކޮށްގެން ރައްޔިތުން "ހައްދާލަން" ދައްކާލި ބޮޑު މަންޒަރެއްކަމެވެ.

ދެން އޮތީ ގއ. ވިލިނގިލީގެ ވާހަކައެވެ. 700 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ވިލިނގިލީގައި ގާއިމްކުރާ ބައިނަލްއަގުވާމީ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރީ އެންވީ ބެސިކްސްއެސް އާ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ރާއްޖޭގެ ބައެއް ނޫސްތަކާއި މީސް މީޑިޔާގެ މަންސަތަކުގައި އެ ކުންފުނި ޕްރޮމޯޓުކުރަމުންދިޔައީ، ދުނިޔޭގެ އެންމެ އުސް އިމާރާތް އަދި ދުބާއީގައި ހުންނަ ބުރިޖު ޚަލީީފާ ބިނާކުރި ކުންފުނީގެ ގޮތުގައިއެވެ.

އެހެން ނަމަވެސް ކަމުގެ ޙަގީގަތް ބެލިއިރު، ބުރިޖު ޚަލީފާ ބިނާކުރީ ބެސިކްސް ކުންފުނި އެކުލެވޭ ގޮތަށް، ސެމްސަން ސީ އެންޑް ޓީ ކިޔާ ކުންފުންޏެއްގެ ބޮޑު ފައިނޭންސިންގެ ދަށުން އުފެއްދި ސިކްސް ކޮންސްޓްރަކްޓް ކިޔާ ކުންފުންޏަކުންނެވެ. ބުރިޖު ޚަލީފާގެ ފައިނޭންސިންގެ ބޮޑު ބައި ވެސް ހަމަޖެއްސީ ސެމްސަން ސީ އެންޑް ޓީންނެވެ.

ވިލިނގިލީ ބައިނަލްއަގުވާމީ އެއާޕޯޓުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި އުސޫލެއް، ގޮތެއް ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާއިން، އެކަން ކުރީ ގާނޫނީ އިމުގެ މަތިން ކަމަށް ބުނާއިރު، އެކަން ކުރި ކުންފުނީގެ މާލީ ޙާލަތެއް ސަރުކާރުން އާންމު ނުކުރަންވީ ސަބަބެއް އަސްލު ނެތްތާއެވެ. ގާނޫނީ އިމުގެ ތެރެއިން ތިނަދޫ ބައިނަލްއަގުވާމީ އެއާޕޯޓް އަދި ވިލިނގިލި އެއާޕޯޓް އަޅާނަމަ، ރައްޔިތުންނަށް ހުރިހާ ކަމެއް ވެސް ތިލަކޮށްދޭންވީ ނޫންތޯއެވެ.

އެކަމަކު، މި ދެ މަޝްރޫއު ވެސް ކުއްލިއަކަށް އިފްތިތާހްކުރުމުގެ މައިގަނޑު މަގްސަދު ދިވެހި ރައްޔިތުންނަށް އެނގެއެވެ. ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ނުކޮށް، ތިނަދޫގައި އައު އެއާޕޯޓެއް އެޅުމުގެ ވާހަކައަކީ ތިނަދޫގެ ރައްޔިތުން އެކަމަށް އެދި ތިބިކަމެއް ކަން އެނގިވަޑައިގެން ހުންނަވާ، އެ ބޭނުންކުރެއްވީ އެ ކާޑެވެ. ގއ. ވިލިނގިލީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅުއްވާނެ ވާހަކައަކީ ވައުދެއް ނަމަވެސް، އޭރަށް ކޫއްޑޫގެ ބޭނުމެއް ކޮބައިތޯއެވެ. ކުރައްވަމުން ގެންދަވާ ހަމައެކަނި ކަމަކީ، އަންނަ މަޖިލީހުގެ އިންތިހާބަށް ރައްޔިތުން ހެއްލުމެވެ. ރައްޔިތުން ގުނބޯ ހެއްދުމެވެ. އެ ދެ މަޝްރޫއަކީ ވެސް "ހުވަފެނީ" ދެ މަޝްރޫއުކަން ރައްޔިތުން މިއަދު ގަބޫލުކުރަނީ އެހެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
50%
50%
ކޮމެންޓް