އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވެއްޖެއެވެ.
ޓިލާސަން އިތުރަށް ވިދާޅުވީ އެމެރިކާ އަކީ އުތުރު ކޮރެއާގެ ދުޝްމަނެއް ނޫން ކަމަށާއި ކޮންމެވެސް އިރަކުން އުތުުރު ކޮރެއާ އާއެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.
އެމެރިކާގެ ވޮޝިންޓަން ޑީސީގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓިލާސަން ވިދާލުވީ އެމެރިކާ އަކީ އުތުރު ކޮރެއާގެ ދުޝްމަނެއް ނޫން ކަމަށާއި އެހެންނަމަވެސް ގާބޫލުނުކުރެވޭ ފަދަ ބިރު އެމެރިކާ އަށް ކުރިމަތި ކުރަމުންދާ ކަމަށާއި އެހެން ކަމުން އެއަށް އެމެރިކާ އިން ރައްދު ދޭންޖެހޭ ކަމަށެވެ.
ހުކުރު ދުވަހު އުތުރު ކޮރެއާ އިން ވަނީ ދެވަނަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ޓެސްޓްކޮށްފައެވެ. މި މިސައިލް ޓެސްޓް ކުރިއިރު އެގައުމުން ކުރި ފުރަތަމަ އައިސީބީއެމް ޓެސްޓް ކުރީ މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިންނެވެ.
ދާދިފަހުން އުތުުރު ކޮރެއާ އިން ވަނީ އެމެރިކާ އަށް އިންޒާރެއް ދީފައެވެ. އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކަމުގެ މަގާމުން ކިމް ޖޮން އުން ދުރުކުރަން އެމެރިކާ އިން އުޅޭ ނަމަ އެ ގައުމަށް ވަރުގަދަ ނިއުކްލިއާ ހަމަލާއެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ވަނީ ދީފައެވެ.
މިިކަން ރިޕޯޓުކޮށްފައި ވަނީ އުތުުރު ކޮރެއާގެ ދައުލަތުން ހިންގާ މީޑިއާ ކޭސީއެންއޭ އިން އެވެ. އުތުރު ކޮރެއާ ިއިން މި އިންޒާރު ދިނީ އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. އޭނާ ދާދިފަހުން ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރު ނިއުކްލިއާ ހަތިޔާރު ތަރައްގީކޮށް ގިނަ ކުރުމަށް ކުރާ މަަސައްކަތުން އޭނާ ދުރުކުރަން ޖެހޭ ކަމަށާއި އޭނާ މަގާމުން ވެސް ދުރުކުރަން ޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ނިއުކްލިއާ ހަތިޔާރުން މިހާރު އުތުރު ކޮރެއާ ގައި ތިބި ވެރިން ދުރުކުރަން، މަގެއް ހޯދޭނެ ކަމަށް އުންމީދު އެބައޮތް ކަމަށާއި އުތުރު ކޮރެއާގެ ރައްޔިތުންނަކީ ވަރަށް ރަނގަޅު ބައެއް ކަމަށެވެ. އަދި އެ ރައްޔިތުން އުތުރު ކޮރެއާގެ ލީޑަރު ދާތަން ބަލަން ބޭނުންވާ ކަމަށެވެ.
އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭ ގޮތުން އެގައުމުން ބުނެފައި ވަނީ އެގައުމުން ކުރާ ޓެސްޓްތަކުން އެނގިގެން ދަނީ އެމެރިކާ އާއި ހަމަޔަށް ފޯރާވަރުގެ މިސައިލްތައް އެބަހުރިކަން ކަމަށެވެ. އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން އެމެރިކާ އިން ވަނީ އެންޓި-މިސައިލް ސިސްޓަމެއް ޓެސްޓްކޮށްފައެވެ. އަދި ދެކޮރެއާ ސަރަހައްދުގައި ދަނީ އެމެރިކާގެ ބޮންއަޅާ މަތިންދާ ބޯޓުތައް އުދުހެމުންނެވެ.