ކުލަބު ވެލެންސިއާގެ ޗެއާމަންގެ ޙައިސިއްޔަތުން އެ ކުލަބު ތަމްސީލު ކުރުމަށް، ޢަބްދުﷲ އަޒްމީނަށް މިވަގުތަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ސިވިލް ކޯޓުން މިގޮތަށް ނިންމީ، ޙަސަން ވަޙީދު (ދޮނާ)، ޢަލީ މަމްދޫޙު މުޙައްމަދު އަދި އިލްމާޢު ޙުސެއިން ވަޙީދުގެ ފަރާތުން ވަގުތީ އަމުރަކަށް އެދި އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުރާސްފަތި ދުވަހު ކުރި ޙުކުމުގަ އެވެ.
ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައި ވަނީ އަޒްމީންގެ އިތުރުން، އަޙުމަދު ޝަރީފް އަދި ޔޫސުފް ރަމީޒަށް ވެލެންސިއާގެ ހިންގާ ކޮމެޓީގެ އެއްވެސް ބައްދަލުވުމެއްގައި އަދި ހިންގާ ކޮމެޓީން ނިންމާ އެއްވެސް ނިންމުމެއްގައި ބައިވެރި ނުކުރުމަށް އަދި ވެލެންސިއާ ރަސްމީ އެއްވެސް ސިފައެއްގައި ތަމްސީލު ނުކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ވެލެންސިއާ އަދި ވެލެންސިއާގެ ހިންގާ ކޮމެޓީގެ މައްޗަށް އަންގާ އުމުރު ކުރުމަށެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ މާޗު މަހުގެ އަށް ވަނަ ދުވަހު ބާއްވާފައިވާ އަހަރީ ޢާންމު ޖަލްސާ އިން އިންތިޚާބު ކޮށްފަައިވާ ހިންގާ ކޮމެޓީގެ މެމްބަރުންގެ ތެރެއިން އަޒްމީން އަދި ރަސްލާން އަދީލް ޖަލީލް ފިޔަވައި ދެން ތިބި މެމްބަރުން ވެލެންސިއާގެ ހިންގާ ކޮމެޓީގެ އެންމެހައި ޒިންމާތައް، ވެލެންސިއާގެ ހިންގާ ޤަވާއިދާ އެއް ގޮތްވާ ގޮތުގެ މަތިން ކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ވެލެންސިއާ އަދި ވެލެންސިއާގެ ހިންގާ ކޮމެޓީގެ މައްޗަށް އަމުރު ކޮށްދިނުނަށް ވެސް ވަނީ އދިފަ އެވެ.
ސިވިލް ކޯޓުގެ ޙުކުމުގައި ބުނެފައި ވަނީ ދަޢުވާ ކުރާ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަންކަމަކީ ހުށަހެޅިފައިވާ ދަޢުވާގެ މަޢުޟޫއުގެ ތެރެއިން ލިބިގެންދާނެ ކަމަށް ބެލެވޭ ކަންތައްތަކެއް ކަމަށްވެފައި، އަދި ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަދައިން ވަގުތީ އަމުރެއް ނުނެރެފިނަމަ އެކަމުގެ ސަބަބުން ހުށަހެޅު ދަޢުވާގައި ހިމެނޭ މަޢުޟޫޢީ ޙައްޤަށް ދާއިމީ ހިމާޔަތް ކުރިއާލާ ދެވިގެންދާނެ ފަދަ ކަމަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ތިން ފަރާތަކީ އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ ފަޅީގައި ތިބި ތިން މެމްބަރުންނެވެ. ވެލެންސިއާގެ އެތެރޭގައި މައްސަލަ ބޮޑުވީ، އެފްއޭއެމްގެ އިންތިޚާބުގައި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) އަށް ތާއީދު ކުރުމަށް އެ ކުލަބުން ނިންމި ހިސާބުންނެވެ.