ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރު ހުޅުވައި ހިދުމަތްދޭން ފަށްޓައިފިއެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
ބޭންކުން ބުނީ، ގުޅީގައި މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކުރެވިފައިވާ ބޭންކިންގ ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި، 5 ރަށެއްގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައިވާ ކަމަށެވެ.
 
                    ވ. އަތޮޅަށް ބަލާއިރު ފެލިދޫގައި ބްރާންޗު މެދުވެރިކޮށް ހިދުމަތް ދެމުންދާއިރު، 2 ރަށެއްގައި ވަނީ އޭޓީއެމް ގާއިމްކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ ކޭޝް އެޖެންޓްގެ ހިދުމަތް ގާއިމްކޮށްފައެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
