މި ސީޒަން ނިމެންދެން، ޖަރުމަނުގެ ބަޔާން މިއުނިކާއެކު ކާމިޔާބު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޓުޗެލް މިހެން ބުނީ، މި ސީޒަނަށްފަހު ބަޔާންގެ ކޯޗުކަމުން ވަކިވާން ނިންމުމަށްފަހު އެވެ. އެ ނިންމުން ނިންމީ، ބަޔާނާއި ޓުޗެލްއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ. ދެ ފަރާތް އެއްބަސްވެގެން އެ ނިންމުން ނިންމިއިރު، މި ސީޒަންގައި ބަޔާންގެ ނަތީޖާތައް ދަށްވެ ޓުޗެލް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޓުޗެލް ބުނީ، މި ސީޒަން ނިމުމާއެކު ބަޔާން ދޫކޮށްލަން ކުލަބާއެކު އެއްބަސްވެފައިވާނެ ކަމަށެވެ. އަދި އެއީ މިވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށާއި، އެ ނިންމުން ނިންމީ ގިނަ ގޮތް ގޮތަށް ވާހަކަ ދައްކައި، ވިސްނުމަށްފަހު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޓުޗެލް ބުނީ އޭނާ އާއި އޭނާގެ ކޯޗިން އޮފިޝަލުން، މި ސީޒަން ނިމެންދެން ބަޔާންގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަސައްކަތް ކުރާނީ ބަޔާނަށް އެންމެ ފުރިހަމަ ކާމިޔާާބެއް ހޯދުމަށް ކަމަށް ވެސް އޭނާ ބުންޏެވެ. މިވަގުތު ބަޔާން އުނދަގޫ ޙާލަތެއްގައި އޮތްކަން ޤަބޫލު ކުރާ ކަމަށާއި، އެންމެން ވެސް ބޭނުން ވަނީ އެ ޙާލަތު ބަދަލު ކުރަން ކަމަށް ޓުޗެލް ފާހަގަ ކުރި އެވެ. އޭނާ ބުނީ އެންމެން އެކުވެގެން މަސައްކަތްކޮށްފި ނަމަ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެސް އެކަން ފަސޭހައިން ބަދަލު ކުރެވޭނެ ކަމަށެވެ.
ބަޔާންގެ ކޯޗުކަމާ އުމުރުން 50 އަހަރުގެ ޓުޗެލް ހަވާލުވީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމުންނެވެ. ޓުޗެލް އަށް ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ އޭރު ނަތީޖާ ގޯސްވެފައި އޮތް ބަޔާންގެ ނަތީޖާ ރަނގަޅުކޮށް، އެ ކުލަބު ހަމަ މަގަށް އެޅުވުމެވެ.
ޓުޗެލް ހަވާލުވީ ފަހުން މިހާތަނަށް ބަޔާން ކުޅެފައި ވަނީ 44 މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 28 މެޗުން މޮޅުވެފަ އެވެ. 11 މެޗުން ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން ވަނީ މިހާތަނަށް 22 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 16 މެޗުން މޮޅުވެފައިވާއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.