ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 15:28
 ފްރާންސްގެ ލެޖެންޑް މާސެލް ޑެސައިލީ
ފްރާންސްގެ ލެޖެންޑް މާސެލް ޑެސައިލީ
ގެޓީ އިމޭޖަސް
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް ޑެސައިލީ ރާއްޖެ އަންނަނީ!
ޑެސައިލީ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު
ޕްރިމިއާ ލީގު ހުޅުވާ މެޗު ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވޭ
ޑެސައިލީ ވަނީ ފްރާންސް ޓީމާއެކު ވޯލްޑްކަޕް އަދި ޔޫރޯ ކާމިޔާބުކޮށްފައި

އުރީދޫ ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ފްރާންސްގެ ލެޖެންޑް މާސެލް ޑެސައިލީ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފްރާންސް ޓީމާއެކު ވޯލްޑްކަޕް އަދި ޔޫރޯ ކާމިޔާބުކޮށްފައިވާ ޑިފެންޑަރު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު އެވެ.

ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ޑެސައިލީ ރާއްޖެ ގެނައުމަށް އެހީތެރިވީ ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް ކަނޑައަޅާފައިވާ އުރީދޫއިން ކަމަށާއި، ޕްރިމިއާ ލީގު ހުޅުވާ މެޗު ވީހާވެސް ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަތޮޅު ތެރެއިން ހަތަރު ޓީމު މިފަހަރު ބައިވެރިވާ ދިވެހި ޕްރިމިއާ ލީގަށް ގަލޮޅު ދަނޑު ތައްޔާރުކުރަމުން އަންނައިރު، ހުޅުވާ މެޗުގައި ތަފާތު ހަރަކާތްތަކެއްވެސް ކުރިއަށް ގެންދާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ހުޅުވާ މެޗަށް ގެންނަ ޑެސައިލީ ވަނީ ފްރާންސްގެ މާސޭ އަދި ނެންޓެސް އަށް ކުޅެފައެވެ. މީގެއިތުރުން އޭނާ ވަނީ އޭސީ މިލާން އަދި ޗެލްސީއަށް ވެސް ކުޅެފައެވެ. ޑެސައިލީގެ ކެރިޔަރުގެ ފަހު ދުވަސްތަކުގައި ކުޅެފައިވަނީ ގަތަރުގެ އަލް ގަރަފާ އަދި ގަތަރު ސްޕޯޓްސް ކްލަބްގައެވެ.

މާސޭއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޑެސައިލީ ވަނީ އޭސީ މިލާނާއެކު ދެ އިޓާލިއަން ލީގު، އިޓާލިއަން ސުޕާކަޕް، ޔުއެފާ ސުޕާކަޕް އަދި ޔުއެފާ ޗެމްޕިއަނސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޗެލްސީއާއެކު ޔުއެފާ ސުޕާކަޕް، އެފްއޭކަޕް އަދި އެފްއޭ ޗެރިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ފްރާންސް ގައުމީ ޓީމަށް ކުޅުނު 100 އަށްވުރެ ގިނަ މެޗުގައި ތިން ލަނޑު ކާމިޔާބުކޮށްފައިވާ ޑެސައިލީ ވަނީ އެޓީމާއެކު ދެ ކޮންފެޑެރޭޝަންސް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް