ކ. މާލެ
|
21 ފެބްރުއަރީ 2024 | ބުދަ 11:53
ނަޕޯލީގެ ވަގުތީ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ
ނަޕޯލީގެ ވަގުތީ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
މިއީ ބަސް މަދުކޮށް، އަމަލު ގިނަ ކުރަންވީ ވަގުތު: ކަލްޒޯނާ
 
މިވަގުތު ބަހަނާ ދައްކަން ބޭނުން ނުވާ ކަމަށާއި، ބޭނުން ވަނީ ޓީމު އޮތް ޙާލަތު ބަދަލު ކުރަން ކަމަށް ކުޅުންތެރިން ކިބައިން އެދިފައިވާނެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ މެޗަށް ނިކުންނައިރު، އެންމެ މުހިންމު ކަމަކީ ބަސް މަދު ކުރުމަށްފަހު، އަމަލު ގިނަ ކުރުން ކަމަށް ނަޕޯލީގެ ވަގުތީ ކޯޗި ފްރެންޗެސްކޯ ކަލްޒޯނާ ބުނެފި އެވެ.

ނަޕޯލީގެ ވަގުތީ ކޯޗުކަމަށް އޭނާ ހަމަޖެއްސީ ދާދި ފަހުން އެ މަގާމުގައި ހުރި ވޯލްޒާ މަޒާރީ މަގާމުން ވަކި ކުރުމަށްފަހު އެވެ. ކަލްޒޯނާގެ އިރުޝާދުގެ ދަށުން ނަޕޯލީ ކުޅޭ ފުރަތަމަ މެޗަކަށް ވާނީ، ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ނިކުންނަ މެޗެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކަލްޒޯނާ ބުނީ، މިއަދުން ފެށިގެން ހުރިހާ ކަމެއް ވެސް އަލުންް ފަށަން ޖެހިފައިވާ ކަމަށާއި، ރިސެޓް ބަޓަނަށް ފިއްތާލަން ޖެހިފައިވާ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މި ފެށެނީ އައު ދަތުރެއް ކަމަށެވެ. ނަޕޯލީ ޓީމާ ގުޅޭ ގޮތުން އޭނާ ބުނީ، އެ ޓީމަކީ މީގެ ކުރިން ވެސް އޭނާ އަށް ފަރިތަ ޓީމެއް ކަމަށެވެ. އެހެންކަމުން، ބޭކާރު ކަންކަމަށް ބަލަހައްޓައިގެން ތިބޭނެ ވަގުތު ނެތް ކަމަށާއި، މިހާރު ބޭނުންވަނީ އަވަހަށް ނަތީޖާ ނެރުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ކުރިއަށް މުހިންމު މެޗެއް އޮއްވާ ނަޕޯލީން ކޯޗު ބަަދަލު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަލްޒޯނާ ބުނީ، ޓީމެއްގެ ކޯޗަަކަށް ކަމެއް ބަދަލު ކުރެވޭނީ ވަރަށް މަދުން ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ބާސެލޯނާއާ ދެކޮޅަށް ނިކުންނައިރު އެންމެ އެކަށީގެންވާ މިންވަރަށް ވަގުތު ނުލިބޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ބޮޑަށް ޓީމު އެނގުމުގެ މަރުހަލާ އަވަސް ކުރާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. އެގޮތުން މިވަގުތު ބަހަނާ ދައްކަން ބޭނުން ނުވާ ކަމަށާއި، ބޭނުން ވަނީ ޓީމު އޮތް ޙާލަތު ބަދަލު ކުރަން ކަމަށް ކުޅުންތެރިން ކިބައިން އެދިފައިވާނެ ކަމަށް ވެސް ކަލްޒޯނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ބާސެލޯނާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެެ. މިފަހަކަށް އައިސް އެ ޓީމަށް އުނދަގޫ ދުވަސްތަކެއް ކުރިމަތިވި ނަމަވެސް، އެ ޓީމަކީ ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށް އޭނާ ވަނީ ސިފަ ކޮށްފަ އެވެ. އެ ޓީމާ ދެކޮޅަށް ނިކުންނައިރު، ޖެހިލުންވެ، ބިރު ގަަންނާނެ އެއްވެސް ޙާލަތެއް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންވިޔަސް، ބާސެލޯނާގައި ވެސް ހުރީ ތަޖުރިބާކާރު މޮޅި ކޯޗެއް ކަމަށާއި، އެ ޓީމުގެ ކުޅުންތެރިން ވެސް ވަރަށް ވަރުގަދަކަން ފާހަގަކޮށް އޭނާ ބުނީ، އެއީ ސިއްރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން ބާސެލޯނާއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް