ކ. މާލެ
|
21 ފެބްރުއަރީ 2024 | ބުދަ 11:24
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
ތޫނު ހަތިޔާރު ޤާނޫނު
ތޫނު ހަތިޔާރު ޤާނޫނުގެ ދަށުން ދައުވާ ކުރާ މައްސަލަތައް 30 ދުވަސް ތެރޭގައި ނިންމުމަށް އެދި ކޯޓުތަކަށް ސިޓީ ފޮނުވަނީ
 
މި ޤާނޫނު ފާސްކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުން ތަފާތު އުޞޫލުތަކެއް ކަނޑައަޅުއްވާފައިވޭ
 
މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެ މުޢާމަލާތުތައް ފެންނަން ހުންނާނެ

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާކުރާ މައްސަލަތައް، ޤާނޫނުގައި ބުނާ ގޮތަށް 30 ދުވަހުގެ ތެރޭގައި ނިންމަވައި ދެއްވުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކޯޓަށް ސިޓީ ފޮނުވަން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، މިބާވަތުގެ މައްސަލަތަކުގެ ނުރައްކާތެރިކަމުންނާއި، އެމައްސަލަތައް ތަޙްޤީޤުކޮށް، ދައުވާކޮށް، ޝަރީޢަތްކުރުމުގައި ހުންނާނެ ގޮންޖެހުންތަކަށާއި، މިމައްސަލަތައް އަވަހަށް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ރިޢާޔަތްކުރައްވައި، މި ޤާނޫނު ފާސްކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުން ތަފާތު އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މިބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިނަމަ، 15 ދުވަހުގެ ތެރޭގައި، އެމީހެއްގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ފުލުހުންނަށް ލާޒިމުވުން ހިމެނެއެވެ.

އަދި މި ޤާނޫނުގެ ދަށުން ދައުވާކުރާ މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހަޅާ ތާރީޚުން ފެށީގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ކޯޓުން ޙުކުމެއް ކުރަންވާނެކަމަށް ލިޔެފައި އޮވެއެވެ.

ވުމާއެކު، މިއަހަރުން ފެށިގެން، ޕީޖީ އޮފީހުން ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވާ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުވާކުރާ ހަމަ ކޮންމެ މައްސަލައެއްގައި، އެމައްސަލައެއްގައި ޙުކުމެއް ކުރަން ޤާނޫނުގައި ކަނޑައެޅިފައިވަނީ 30 ދުވަހުގެ މުއްދަތެއްކަން، ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސް، ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި، އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ވަނީ ފަށާފައެވެ.

ޕީޖީ އޮފީހުން ބުނީ، މައްސަލަ ލަސްވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެ މުޢާމަލާތުތައް ފެންނަން ހުންނާނެ ކަމަށެވެ.

މީގެ ބޭނުމަކީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅޭ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުންކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) އަކީ މީސްމީހުންގެ ފުރާނައާއި ހަށިގަނޑާއި މުދަލަށް ގެއްލުން ލިބޭގޮތަށް ނުވަތަ ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ތޫނު އެއްޗެއްސާއި ހަތިޔާރު ފަދަ ތަކެތި ގެންގުޅުމާއި މީސްމީހުންނަށް ބިރުދައްކައި އިންޒާރުދީ ހެދުމާއި މިފަދަ ކަންކަން ކުރުން މަނާކުރުމުގެ ޤާނޫނެވެ. 

މިބާވަތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހާގެ ހަނުހުރުމުގެ ޙައްޤު ހަނިކޮށްފައިވެއެވެ.

އަދި ތަޙްޤީޤު މަރްޙަލާގައި ބަންދުގައި ބަހައްޓައި، ޤާނޫނީ ވަކީލާއެކު ދައްކާ ވާހަކަވެސް 96 ގަޑިއިރުގެ މުއްދަތަށް ހިންގަންވާނީ ފުލުހުންގެ ހާޒިރުގައިކަމަށް އެޤާނޫނުގައި ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް