އިންތިހާބީ ޝަކުވާގެ މައްސަލައެއް ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.
މި މައްސަލައަކީ ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލުމަށް ފޯމު ހުށަހެޅި ހ ގިނަމާގެ މުޙައްމަދު އިޔާޒްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އޭނާ މި މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވާތީއެެވެ. އެގޮތަށް ނިންމީ އޭނާގެ ޝަރުތު ހަމަނުވާކަމަށް ބުނެއެވެ.
ހައިކޯޓުން މި މައްސަލަ ބޭރުކޮށްލީ މިއީ ހައިކޯޓަށް ހުށަހަޅާ ބާވަތުގެ މައްސަލައަކަށް ނުވާތީއެވެ. އެގޮތުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައި އޮންނަ ގޮތުން، އިންތިޚާބަށް ކުރިމަތިލުމުގައި ފުރިހަަމަ ވާން ޖެހޭ ޝަރުތު ފުރިހަމަ ނުވުމާ ގުޅޭ ނިންމުންތައް ހުށަހަޅަން ޖެހެނީ ސުޕްރީމް ކޯޓަށްކަމަށް ބަޔާންކޮށްފައިވެއެވެ.