ރާއްޖޭގެ މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު ބަލަމުންދާ ކަމަށާއި އެކަން ހިނގި ގޮތް އަދި ސާފުނުވާ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ރާއްޖޭގެ މަސް ދޯނިތަކަކަށް އިންޑިޔާގެ އަސްކަރިއްޔާގެ ބަޔަކު އެރި ސަބަބު ސާފުވެފައިވޭތޯ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން އެކަން ހިނގައި ދިޔަ ގޮތް މަސްވެރިންނަށް ސާފުކޮށްދީފައިވާނެތޯ ވެސް އޭނާ ވަނީ ސުވާލުކުރައްވާފައެވެ. މިކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ ސުވާލާ ގުޅިގެން ދެއްވާނެ ސީދާ ޖަވާބެއް ނެތް ކަމަށާއި ޖަވާބު ހޯއްދެވުމަށް ފަހު މެންބަރާ ހިއްސާކުރައްވާނެ ކަމަށެވެ.
މިއަހަރުގެ 31 ޖެނުއަރީ އަދި 1 ފެބްރުއަރީގައި އިންޑިއާ ސިފައިންގެ ބަޔަކު ހަތިޔާރާއެކީ ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސް ދޯނިތަކަށް އެރި މައްސަލަ އެއް ފެންމަތިވެފައިވާއިރު މިކަން ހިނގި ގޮތް މުޅިން ސާފެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ދިފާއީ ވަޒީރު ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީ (241) ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ މިއީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި މި ކަމުގެ ސަބަބުން ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ހިނގި ގޮތް ސަރުކާރުން ސާފުކޮށް ބުނެދޭން ޖެހޭ ކަމަށާއި ސަރުކާރުން އާއްމުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިޔާ އަސްކަރިއްޔާ އިން އަރާ ހިންގި އޮޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި އަދި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހިންގި އޮޕަރޭޝަނެއްކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިކަމާ ގުޅިގެން ގައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.