ކ. މާލެ
|
20 ފެބްރުއަރީ 2024 | އަންގާރަ 05:49
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ރޮޑްރީ
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ރޮޑްރީ
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ރޮޑްރީ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރު: ގާޑިއޯލާ
 
އެތުލެޓިކޯ މެޑްރިޑުގައި ހުރުމަށްފަހު، އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2019 ވަނަ އަހަރު

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރަކީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ، ސިޓީގައި ރޮޑްރީ ދައްކަމުން އަންނަ މޮޅު ކުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެތުލެޓިކޯ މެޑްރިޑުގައި ހުރުމަށްފަހު، އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ސިޓީ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމުގައި އޭނާ މޮޅަށް ކުޅެމުން އަންނައިރު، އޭނާ އަކީ ގާޑިއޯލާ އެންމެ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

ރޮޑްރީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އޭނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރު ކަމަށެވެ. އޭނާގެ ކުޅުމަކީ ވަރަށް އާދަޔާ ޚިޔާފު ކަމެއް ކަމަށާއި، އޭނާގެ ކުޅުމަކީ މީހުނަންނަށް ޤަބޫލު ކުރަން ދަތި ކުޅުމެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. މީގެ އިތުރުން، އޭނާ ދަނޑު މަތީގައި ހުރުމަކީ ސިޓީގެ ކުޅުންތެރިންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ރޮޑްރީ ހޯދުމަކީ ސިޓީ އަށް ނިންމުނު ވަރަށް ރަނގަޅު އަދި މުހިންމު ނިންމުމެއް ކަމަށެވެ. ޚާއްސަކޮށް، އެ ނިންމުމުގެ ސަބަބުން ސިޓީ އަށް މިހާރު އެތައް ގޮތަކުން ފައިދާ ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، މިހާތަނަށް ސިޓީން ހޯދާފައިވާ ކާމިޔާބާއި، ޙާސިލް ކޮށްފައިވާ ކަންކަމަށް ބަލާއިރު، ރޮޑްރީ ނެތި އެކަންކަން ހާސިލު ކުރަން އުނދަގޫ ވެސް ވާނެ ކަމަށެވެ.

މިހާތަނަށް ސިޓީގައި ހޭދަކުރި ފަސް ސީޒަންގެ ތެރޭގައި ރޮޑްރީ ވަނީ އެ ޓީމަށް 237 މެޗު ކުޅެދީ، 23 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ދިހަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް