ގިނަ އަދަދެއްގެ ފިލްމީ ތަރިންނާ އެކު ބެލުންތެރިންނާ ހަމައަށް އަންނަ "ނޯޓީ 40" މިރޭ ރިލީޒް ކުރާނެއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރ ޝަފީގު ބުނީ ފިލްމަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި 5 ވަނަ ޝޯވްއާއި ހަމައަށް ޓިކެޓް ވިކިފައިވާ ކަމަށެވެ.
މިފިލްމުގެ ޕްރިމިއަރ ޝޯގެ ޓިކެޓެތައް ވިއްކާފައި ވަނީ 200ރ. އަށް ކަމަށާއި ސަބަބަކީ ޕްރިމިއަރނައިޓްގައި ވަރަށް ޚާއްސަ ކަންތައްކެއް ބެލުންތެރިންނާ ހަމައަށް ގެންސްދިނުމަށް ރާވާފައިވާތީ ކަމަށް ޝަފީގު ބުންޏެވެ. ދެންހުރި ޝޯތަކުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.
ޖުމްލަ 15 ޝޯވ ދެއްކުމަށް ހަމަޖެހިފައިވާއިރު ޝޯތައް ދެއްކުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.
"ނޯޓީ 40"ގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި އާންމު ކުރި ޓީޒާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު ޓީޒާގައި ފެނިގެން ގޮސްފައި ވަނީ "ނޯޓީ 40"ގެ ކާސްޓުންގެ ފަރާތުން ދެރަ އާއި ހިތާމައިގެ މަންޒަރުތަކެވެ.
"ނޯޓީ 40" ގެ އެސިސްޓެންޑް ޑައިރެކްޓަރ މުހައްމަދު މަނިކު ކުރިން ބުނެފައި ވަނީ މި ފިލްމުގެ ޝޫޓިންއަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.
މި ފިލްމުގައި ޔޫއްޕެ، ނިއުމާ، ސީޒަން، އަހުމަދު ސައީދު އަދި މުހައްމަދު މަނިކު ގެ އެކްޓިންގ ފެނިގެން ދާނެއެވެ. މުހައްމަދު މަނިކަކީ "ނޯޓީ 40" ގެ އެސިސްޓެންޓް ޑައިރެކްޓަރެވެ. މީގެ އިތުރުން މަރިޔަމް އައްޒަ، ފާތިމަތު އާޒިފާ (އަޒޫ) އިބްރާހިމް ޖިހާދު (ޖިމީ) އަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ. އަދި މީގެ އިތުރުން ނުޒުހަތު ޝުއައިބް، ސޯޝަލްމީޑިއާގައި މަޝްހޫރުކަން ހޯދަމުން އަންނަ ލިއާމް ޖޯން ހިމެނެއެވެ. އަދި މީގެ އިތުރުން ސަން މީޑިއާގައި މަސައްކަތް ކުރާ އަހުމަދު ޝަރީފް އަދި ގުލިސްތާނު ފެނިގެންދާނެއެވެ.