ކ. މާލެ
|
19 ފެބްރުއަރީ 2024 | ހޯމަ 11:36
މެޗުގައި ލަނޑުޖެހުމަށްފަހު މޮންޒާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑުޖެހުމަށްފަހު މޮންޒާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
މޮންޒާ އަތުން އޭސީ މިލާން ބަލިވެއްޖެ
 
މެޗުން މޮޅުވެ، ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު މިލާން އަށް އޮތް ނަމަވެސް، ބައްޔާއެކު ވަނީ އެ ފުރުސަތު ގެއްލިފައި

އިޓާލިއަން ލީގުގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން ބަލިވެއްޖެ އެވެ.

މޮންޒާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 4-2 އިންނެވެ. މެޗުގައި މޮންޒާ އިން ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، މިލާނުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ދެ ލަނޑު ޖަހައިގެން މޮންޒާ ވަނީ މޮޅުވެފަ އެވެ.

މޮންޒާ އިން ލީޑު ނެގީ މެޗުގެ 45 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ލީޑު ނަގައިދިނީ މަތެއޯ ޕެސިނާ އެވެ. އޭގެ މިނެޓެއް ފަހުން، މޮންޒާގެ ދެ ވަނަ ލަނޑު ޖެހީ ޑެނީ މޮޓާ އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު މިލާންގެ ލޫކާ ޖޮވިކް އަށް ރަތް ކާޑު ދެއްކުމުން، މެޗުގެ ބާކީ ބައި އެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

މެޗުގެ 64 ވަނަ މިނެޓުގައި މިލާންގެ ފުރަތަމަ ލަނޑު ޖެހީ އޮލީވިއޭ ޖިރޫޑް އެވެ. އޭގެ ފަހުން 88 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ލަނޑު ޖަހައި، މިލާނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން މެޗުގެ 90 ވަނަ މިނެޓުގައި އަނެއްކާ ވެސް މޮންޒާ އިން ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ވަރެން ބޮންޑޯ އެވެ. މޮންޒާގެ ހަތަރު ވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ލޮރެންޒޯ ކޮލޮމްބޯ އެވެ.

މެޗުން މޮޅުވެ، ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު މިލާން އަށް އޮތް ނަމަވެސް، ބައްޔާއެކު ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. މިހާތަނަށް ކުޅުނު 25 މެޗުން އެ ޓީމަށް 52 ޕޮއިންޓު ލިބޭއިރު، ދެ ވަނައިގައި ޔުވެންޓަސް އަށް ލިބެނީ 54 ޕޮއިންޓެވެ. މިލާން އަތުން މޮޅުވި މޮންޒާ އޮތީ 33 ޕޮއިންޓާއެކު 11 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް