ކ. މާލެ
|
18 ފެބްރުއަރީ 2024 | އާދީއްތަ 14:28
ތައިލަންޑް ގެ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓް މިނިވަން ވުމުން މިއަދު ގެކޮޅަށް ވަޑައިގަންނަވަނީ
ތައިލަންޑް ގެ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓް މިނިވަން ވުމުން މިއަދު ގެކޮޅަށް ވަޑައިގަންނަވަނީ
ގެޓީ އިމޭޖަސް
ތައިލަންޑްގެ ކުރީގެ ބޮޑުވަޒީރު މިނިވަން ވުން
ތަކްޝިން ޝިނަވަޓް ކަފާލާތުގެ ދަށުން މިނިވަންވެ ވަޑައިގެންފި
8 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީނަމަވެސް އޭނާ އެންމެ ދުވަހެއްވެސް ޖަލުގައި ހޭދާކުރައްވާފައެއްނުވެއެވެ

ތައިލަންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓް ކަފާލާތުގެ ދަށުން މިނިވަންވެ ވަޑައިގަތުމުން އަމިއްލަ ގެއަށް ބަދަލުވެ ވަޑައިގެންފިއެވެ.

ކޮރަޕްޝަނާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގައި ތަކްޝިން ގެންދެވީ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. ނަމަވެސް އޭނާ ހުންނެވީ ޕޮލިސް ހޮސްޕިޓަލެއްގައެވެ.

އުމުރުފުޅުން 74 އަހަރުގެ ތަކްޝިން އަމިއްލަ ފުޅަށް އަރުވާލެއްވިގެން 15 އަހަރު ދުވަހު ގައުމުން ބޭރުގައި އުޅުއްވިއެވެ. އޭނާ އެނބުރި ގައުމަށް ވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އަދި ވަޑައިގެންނެވުމާއި އެކު ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އޭނާ އެންމެ ދުވަހެއްވެސް ޖަލުގައި ހޭދާކުރައްވާފައެއްނުވެއެވެ. ސިއްހީ މައްސަލަ ތަކަށް ފަރުވާހޯއްދެވުމަށް ފުރަތަމަ ވެސް ވަޑައިގެންނެވީ ޕޮލިސް ހޮސްޕިޓަލް އަށެވެ.  

ކޮރަޕްޝަން އާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ކުށުގައި ތަކްޝިންގެ މައްޗަށް 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުނެވެ. ނަމަވެސް ތަކްޝިން ގައުމަށް އެނބުރި ވަޑައިގެންނެވިތާ މާގިނަ ދުވަހެއްނުވެ ތައިލަންޑްގެ ރަސްގެފާނުވަނީ އެހުކުމް އެއްއަހަރަށް ބަދަލު ކޮށްދެއްވާފައެވެ. އަދި ހުކުމުގެ ދެބައިކުޅަ އެއްބައި ބަންދުގައި ހޭދަކުރައްވާފައި ވުމުން އުމުރަށާ ސިއްހީ ހާލަތަށް ބެލުމަށް ފަހު ކަފާލާތު ގެ ފުރުސަތު ދެވުނީ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ.

ތައިލަންޑްގެ އެންމެ ބާރުގަދަ އެއްލީޑަރު ތަކްޝިން ވެރިކަމުން ދުރުކުރެވުނީ އަސްކަރީ އިންގިލާބެއްގައެވެ. އޭގެ ދެއަހަރުފަހުން 2008 ވަނަ އަހަރު ގައުމު ދޫކުރައްވާ ވަޑައިގެންނެވިއެވެ. އެއަށްފަހު ގިނައިން ދިރިއުޅުއްވާފައިވަނީ ލަންޑަން އާއި ދުބާއީގައެވެ.

ތައިލަންޑްގައި މިހާރު ވެރިކަމުގައި އޮތީވެސް ތަކްޝިންގެ އާއިލީ ޕާޓީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް