މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދަކީ 280 މިލިޔަން ރުފިޔާ ކަމަށާއި އެ ފައިސާ މާރޗު 5 ގެ ނިޔަލަށް ދައްކާ ޚަލާސް ކުރާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް ނުހަނު ގިނަވެފައިވާ މި ދަނޑިވަޅުގައި ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސްކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް، އަދި އެންމެ ބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުންގެންދާ ކަންބޮޑުވުން ކަމަށެވެ.
މީގެ އިތުރުން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤު ހޯދަން ކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުޙަބާކިޔާނެކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ، ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރި ނުވާ އެތައް ދޯންޔެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
އަދި އެ މާހައުލު ޤާއިމުކޮށްދެއްވުމަށް އިހުތިޖާޖުގައި ތިބި މަސްވެރިންގެ ކިބައިން ޝިޔާމް ވަނީ އެދިވަޑައިގަންނަވާފައެވެ.
ޝިޔާމް ވިދާޅުވީ، މި ސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު، މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެކަމަށެވެ.
އަދި މަހުގެ އަގު މުރާޖާ ކުރެވުނު ދުވަހުން ފެށިގެން ކިރުނު މަހަށްވާ 26 މިލިއަން މި ހަފްތާ ތެރޭގައި މިފްކޯއިން ހަމަޖައްސާނެކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، ކޫއްޑޫގައި ތިބި މަސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށާއި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނީ މި ސަރުކާރުން ކަމަށެވެ.
ފައިސާ ނުދޭ މައްސަލައާ ގުޅިގެން ގއ. ކޫއްޑޫގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ އިހުތިޖާޖުކޮށްފައެވެ.