އަފްޣާނިސްތާނުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ހެރާތުގައި މީހުން ފުރިބާރުވެފައި އޮތް ޝީއީންގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް މަންޒަރު ދުށްމީހުން ބުނެފިއެވެ.
އަންގާރަ ދުވަހު ދިން މި ހަމަލާގައި މަރުވި މީހުންގެ އަދަދެއް ސާފެއް ނުވެއެވެ.
ހެރާތުގެ މައި ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޝެހްރްޒާއި ވަނީ ހަމަލާދިންތާ އިރުކޮޅެއްގެ ތެރޭ އެ ހޮސްޕިޓަލަށް 29 މީހެއްގެ ހަށިގަނޑު ގެނެސްފައިވާ ކަމަށް ބުނެފައެވެ.
ޒަޚަމްވެގެން ގެންދެވުނު މީހުންގެތެރެއިން 60 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށްވާއިރު މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު، ޖަލާނީ ފަރްހާދު އަލްޖަޒީރާގައި ކުރިން ވިދާޅުވެފައިވަނީ މަރުވި މީހުންގެ އަދަދު 50 އަށް އިތުރުވެފައިވާ ކަމަށެވެ.
ހެރާތުގެ ފުލުހުންގެ ތަރުޖަމާނު އަހަދު ވަލިޒާދާ އޭއެފްޕީގައި ވިދާޅުވީ މިސްކިތުގައި ޓެރެރިސްޓް ހަމަލާ ދިނީ އަންގާރަ ދުވަހުގެ ރޭ 8:00 ހާއިރު ކަމަށެވެ.
" ފުރަތަމަ ލިބުނު މައުލޫމާތަށް ބަލާއިރު ހަމަލާގައި ބައިވެރިވެފައިވަނީ ދެ ޓެރެރިސްޓެއް. އެކަކު ޖާނު ގޮއްވާލާކަހަލަ ވެސްޓެއް ލައިގެން ހުރެ ގޮއްވާލާފައިވާއިރު އަނެއްމީހާ ހުރީ ރައިފަލެއް ހިފައިގެން. އެ ދެ މީހުންވެސް ވަނީ މަރުވެފަ" އޭނާ ވިދާޅުވިއެވެ.
މި ހަމަލާ ދީފައިވަނީ އިޝާނަމާދަށް މީހުން ގޮސް 300 އެއްހާ މީހުންނާއެކު މިސްކިތް ފުރިފައިވަނިކޮށެވެ.