ކ. މާލެ
|
21 ފެބްރުއަރީ 2024 | ބުދަ 09:59
ފ.މަގޫދޫގައި ހަދަމުންދާ އެއާޕޯޓު މަސައްކަތުގެ ތެރެއިން
ފ.މަގޫދޫގައި ހަދަމުންދާ އެއާޕޯޓު މަސައްކަތުގެ ތެރެއިން
ފ.އަތޮޅުގައި އެއާޕޯޓު އެޅުން
ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
 
ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު އަޅައިގެން، ލިބޭނެ ފައިދާއެއް ނެތް

ސަރުކާރަކުން ނުވަތަ ދައުލަތަކުން ކަންކަން ރާވާ ހިންގާއިރު، އެކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ އެވެ. އެކަމުން ނުކުންނާނީ ކޮން ނަތީޖާއެއްތޯ ނުވަތަ އެކަމުން ކުުރާނެ ފައިދާ އަކަަށް، ނޫން ނަމަ ގެއްލުމަކަށް ވެސް ބަލަން ވާނެ އެވެ. ރައްޔިތުންގެ ފައިސާ ބޭނުން ކުރަން ވާާނީ، އެކަމުން ރައްޔިތުންނަށް އެންމެ މަންފާ ކުރުވަނިވި ގޮތަށެވެ. އެ ނޫން ނަމަ، މުސްތަޤުބަލުގައި އެކަމުން ދެރަ ނަތީޖާއެއް ނުކުތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ދައްކަން މި އުޅޭ ވާހަކަ އަކީ، ފަހަރުގައި ބައެއް މީހުންނަށް އެހާ ހިތްހަމަޖެހޭ ވާހަކައަކަށް ނުވެދާނެ އެވެ. ނަމަވެސް މި ވާހަކަ މި ދައްކަނީ، އެންމެނަށް ވެސް މިކަން ފަހުމުވާނެ ފަދަ ގޮތަކަށެވެ. އެއީ، ފ.އަތޮޅުގައި އެއާޕޯޓެއްގެ މަސައްކަތް މިދިޔަ ސަރުކާރުން ފަށައިގެން، އެ މަސައްކަތުގެ ބޮޑުބައި ނިމިފައި ވަނިކޮށް، ޖެހިގެން އޮތް އަނެއް ރަށުގައި އެއާޕޯޓެއް އަޅަން މި ސަރުކާރުން އުޅޭ ވާހަކަ އެވެ.

ފ.އަތޮޅުގައި އެއާޕޯޓެއް އަޅާ ވާހަކައަކީ މީގެ އެތައް އަހަރުތަކެއް ކުރިން ވެސް ދައްކަމުން އަންނަ ވާހަކައެކެވެ. މި ސަރުކާރުން ފ.އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ ވާހަކަ ދައްކައި، އެކަމުގެ މަސައްކަތް ކޮންމެ ވެސް މިންވަރަކަށް ކުރަމުން އަންނައިރު، ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ، ފ.މަގޫދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔައިރު، ބޮޑު ބައިގެ މަސައްކަތް އޮތީ ނިމިފަ އެވެ.

ވެރިކަން ބަދަލުވެ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މި ވެރިކަމުގައި އެ މަސައްކަތަށް ކުޑަ މަޑުޖެހުމެއް އޮތީ އައިސްފަ އެވެ. އެއާއެކު ދެން އިވުނު އަޑަކީ، ފ.ނިލަންދޫގައި އެއާޕޯޓެއް އަޅާ ވާހަކަ އެވެ. އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާފައި އޮތް މަގޫދޫ އިން، ނިލަންދޫ އަށް 10 ވަރަކަށް މިނެޓުން ދެވޭއިރު، އަނެއްކާ ނިލަންދޫގައި ވެސް އެއާޕޯޓެއް އެޅުމަކީ އިންސާނީ ބުއްދިން ވިސްނާއިރު ވެސް، ކޮން ކަހަލަ ކަމެއްބާ އެވެ؟

ހަޤީގަތަށް ބުނާނަމަ، މިއީ ސިޔާސީ މަންފާއެއް ހޯދުމަށް ކުރަން އުޅޭ ކަމެކެވެ. ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށްވާއިރު، ނިލަންދޫ ދާއިރާ އަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވަނީ ރައީސް މުޢިއްޒުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ފާތިމަތު ސައުދާ އެވެ. ތުންތުން މަތިން ވާހަކަތައް އިވޭ ގޮތުގައި، ނިލަންދޫގައި އެއާޕޯޓެއް އަޅާ ވާހަކަ ސަރުކާރުން ދައްކަނީ އަމިއްލަ ނާޖާއިޒު ފައިދާތަކެއް ހޯދުމަށެވެ. އަބަދުވެސް، ނިލަންދޫގެ ގިނަ ރައްޔިތުން އެ ރަށުގައި އެއާޕޯޓެއް އަޅަން ބޭނުންވާއިރު، މި ސަރުކާރަށް މަޖިލިސް އިންތިޚާބުގައި ނިލަންދޫ ރައްޔިތުންގެ ތާއީދު ލިބެން އޮތީ އެކަން ކޮށްގެން ކަމަަށް ވެސް ބުނެ އެވެ. އަނެއްކޮޅުން، މިއީ ސީދާ ރައީސްގެ ކޮއްކޯފުޅު މަޖިލީހަށް ހޮވުމަށް ކުރައްވާ ކަމެއްގެ ގޮތުގައި ވެސް ބައެެއް މީހުން ސިފަކުރެ އެވެ.

އެހެން ނަމަވެސް، ކުރިން ވެސް ބުނިހެން 10 މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު އެޅުމަކީ، އިޤްތިޞާދީ ގޮތުން ވެސް ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ. އެ ދެ ރަށުގައި ވެސް އެއާޕޯޓު އެޅުން ވެގެންދާނީ، ކުރެވޭ ވަރަށް ވެސް ބޮޑު އިސްރާފަކަށެވެ. ނަމަކަށް އެއާޕޯޓެއް އަޅާފައި ބޭއްވި ނަަމަވެސް، އެއާޕޯޓަށް ބޭނުންވާ މިންވަރަށް ފްލައިޓު ނުޖައްސާ ނަމަ، އެއީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ. ފ.އަތޮޅަށް ވުރެ ބޮޑެތި އެހެން ބައެއް އަތޮޅުތަކުގައި އެއް އެއާޕޯޓު އޮންނައިރު ވެސް، ހަފްތާ އަކު ދެ ތިން ފްލައިޓް ޖައްސާއިރު، ފ.އަތޮޅުގައި ދެ އެއާޕޯޓު އަޅައިގެން ބޭނުންވާ ޑިމާންޑު ހޯދަނީ ކިހިނެއް ހެއްޔެވެ؟ ނޫން ނަމަ، އެވަރުގެ ޑިމާންޑެއް ލިބޭނެ ވަރުގެ އާބާދީއެއް ފ.އަތޮޅުގައި އޮތީ ހެއްޔެވެ؟

އިޤްތިސާދީ ވިސްނުމުން އެއްކިބާވެލައި، މިކަމުގެ ދެ ފަރާތުގައި ވަށައިގެން ހިނގާ ކަންކަމަށް ބަލާއިރު، މިއީ ސީދާ ސަރުކާރުން ވަކި ކަމެއް ހާސިލުކުރުމުގެ މަޤްސަދުގައި ކުރަން އުޅޭ ކަމެކެވެ. ކުރިން ވެސް ބުނި ފަދައިން، އޮތީ އެންމެ އެޖެންޑާ އެކެވެ. އެންމެ ބޭނުމެކެވެ. އެއީ ރައީސްގެ ކޮއްކޯފުޅަށް މަޖިލިހުގެ ގޮނޑި ކާމިޔާބު ކުރެވޭނެ ހުރިހާ މަގެއް ކޮށުމެވެ. މިކަމަކީ ހަޤީގަތް ޤަބޫލު ކުރާނެ އެންމެން ވެސް ދަންނާނެ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
5%
42%
11%
42%
ކޮމެންޓް