ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 10:45
ސައުދީން މިހާރުވަނީ އެ ރައްތައް އިސްތިހާރު ކުރުމުގެ މަަސައްކަތް ފަށާފައި
ސައުދީން މިހާރުވަނީ އެ ރައްތައް އިސްތިހާރު ކުރުމުގެ މަަސައްކަތް ފަށާފައި
ކިންގްޑަމް އޮފް ސައޫދީ އަރަބިޔާ
ސައުދީގައި ޓޫރިޒަމް ފުޅާކުރުން
ރެޑްސީގައި މަތީފަންތީގެ ރިޒޯޓް ގާއިމްކޮށް ސައުދީން ޓޫރިޒަމްގެ ބިޔަ ޕްރޮޖެކްޓަކާ ދިމާލަށް
ޓޫރިޒަމް ޕްރޮޖެކްޓަކީ 2030 ގެ ތަސައްވުރުގެ ބައެއް
ރެޑްސީގައި 50 ރަށަކާއި އިތުރު ބައެއް ތަންތަން މަތީ ފަންތީގެ ރިޒޯޓްތަކަށް ބަދަލުކުރެވޭނެ
އާ ރިޒޯޓްތައް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ 2019 ވަނަ އަހަރު

ސައުދީ އަރަބިއްޔާއިން ރެޑްސީގައި 50 ރަށަކާއި އިތުރު ބައެއް ތަންތަން މަތީ ފަންތީގެ ރިޒޯޓްތަކަށް ބަދަލުކުރުމުގެ މަސައްކަތާއެކު ޓޫރިޒަމް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް އިފްތިތާހުކޮށްފިއެވެ.

ތެލުގެ އަގު ދަށަށްދަމުން ދިއުމާއެކު ސައުދީގެ އިގްތިސާދު އެހެން ދާއިރާތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ގައުމާއި ގައުމުން ބޭރުގެ ޓޫރިސްޓުގެ ޝައުގުވެރިކަން އެ ގައުމަށް ހޯދޭނެ ކަމަށް އެ ގައުމުން ދެކެއެވެ.

ޓޫރިސްޓް ޒޯންތަކަށް ދަތުރުކުރާ ބޭރުގެ ފަރާތްތަކަށް ވިސާއަށް ހުންނަ ހުރަސްތައް ވެސް ނައްތާލާނެއެވެ.

ނަމަވެސް ހެދުން އެޅުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅެމުން އަންނަ ސައުދީ އަރަބިއްޔާއިން އެ އުސޫލުތަކަށް ބަދަލެއް ގެންނާނެ ކަމެއް އަދި ސާފެއް ނުވެއެވެ.

ރަލާއި، ސިނަމާތަކާއި ތިއޭޓަރުތަކަކީ ސައުދީގައި މަނާކުރެވިފައިވާ ކަންކަމެވެ.

މުސްލިމް އަންހެނުން އާއްމު ތަންތާނގައި ލާންޖެހެނީ އެއްކޮށް ދިގުކޮށް ހުންނަ ހެދުން "އަބާޔާ" ކަމަށްވާއިރު ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ.

އަންހެނުން އެއްގަމު އުޅަނދު ދުއްވުން މަނާއިރު ކިޔެވުމަށް ނުވަތަ ގައުމުން ބޭރަށް ދަތުރުކުރުމަށް ފިރެހެނެއްގެ ހުއްދަ ބޭނުން ވެއެވެ.

އާ ރިޒޯޓްތައް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ 2019 ވަނަ އަހަރުއެވެ.

ފުރަތަމަ ފޭސްގައި އާ އެއާޕޯޓަކާއި ލަގްޒަރީ ހޮޓާތަކެއް ތަރައްގީކުރުމަށް ނިންމާފައިވާއިރު މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވެނީ 2022 ވަނަ އަހަރުއެވެ.

ޓޫރިޒަމް ޕްރޮޖެކްޓަކީ 2030 ގެ ތަސައްވުރުގެ ބައެކެވެ.

މި ޕްރޮޖެކްޓްގައި އިސްކޮށް ހުންނެވީ ވެރިކަމުގެ ތަޚުތާ އެންމެ ގާތަށް މިހާރު ގެނުވައި މިދިޔަ ޖޫންމަހު ވަލީއަހުދު ކަމަށް އިސްކުރެއްވި މުހައްމަދު ބިން ސަލްމާންއެވެ.

ވިޝަން 2030 ފަންޑުން ބުނާ ގޮތުގައި ރެޑްސީގައި ރިޒޯޓް ތަރައްގީ ކުރެވިގެންދާނީ ސައުދީގެ ހުޅަނގުގެ އައްސޭރި ފަށުން ފެށިގެން 200 ކިލޯ މީޓަރުގެ ސަރަހަހައްދެއްގައެވެ.

- ކޮމެންޓް