ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުކޮށްފި އެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ޕީއެސްޖީން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭނާ އެ ލަނޑު ޖެހީ މާކީނިއޯސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެމްބާޕޭ 44 ވަނަ ލަނޑެެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖެހީ ބާޑްލޭ ބާކޮލާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފަބިއަން ރުއިޒް އެވެ.
މޮޅާއެކު ޕީއެސްޖީން ކުއާޓާ ފައިނަލްގެ އުންމީދު ބޮޑު ކުރިއިރު، މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ސޮސިއެޑާޑްގެ ދަނޑުގަ އެވެ. ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް އަމާޒު ހިފައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުލަބެކެވެ.