ބޮޑު މޮޅަކާއެކު އާސެނަލް އިން ލީގުގެ ރޭހުގައި މެންޗެސްޓަރ ސިޓީއާ އެއްހަމައެއްގައި ހިފަހައްޓައިފި އެވެ.
އާސެނަލް އިން ބޮޑު މޮޅެއް ހޯދީ ވެސްޓް ހޭމްއާ ވާދަކޮށެވެ. މެޗު އާސެނަލް އިން ކާމިޔާބުކުރީ 6-0 ނެވެ. މިމޮޅާއެކު އާސެނަލް ތިން ވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ ވެސް 52 ޕޮއިންޓާއެކު އެވެ. އެކަމަކު އެއީ 23 މެޗުން ނެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 24 މެޗުން 54 ޕޮއިންޓާ އެކުއެވެ.
ވެސްޓް ހޭމް ކޮޅަށް އާސެނަލް އިން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ސަކާ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. އޭގެ ކުރިން ސަލިބާ ލަނޑު ޖަހާ އާސެނަލް އަށް ލީޑް ނަގައިދިނެވެ. މެޗުގައި ދެން ލަނޑު ޖެހީ ގަބްރިއަލް އާއި ޓްރޮސާޑް އާއި, ރައިސް އެވެ. ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ފުރަތަމަ ހާފްގަ އެވެ. މިއީ ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި އާސެނަލްގެ އެންމެ ބޮޑު މޮޅެވެ. އަދި އަމިއްލަ ދަނޑުގައި ލީގުގައި ވެސްޓް ހޭމްގެ އެންމެ ބޮޑު ބައްޔެވެ.