ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އަތުން ލިބުނީ ހައްގު ބައްޔެއް ކަމަށާއި، ނަމަވެސް ބަޔާން މިއުނިކްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކި ނުކުރާނެ ކަމަށް އެ ކުލަބުގެ ސީއީއޯ ޖޭން ކްރިސްޓިއަން ޑްރީސެން ވިދާޅުވެއްޖެ އެވެ.
ޑްރީސެން މިހެން ވިދާޅުވީ، ލެވަކޫސަން އަތުން ލިބުނު ބޮޑު ބައްޔާއެކު، ޓުޗެލް އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ޖަރުމަނުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައި ވަނިކޮށެވެ. އެ ބައްޔާއެކު، ލެވަކޫސަންއާ ބަޔާނާ ދެމެދު އޮތް ފަރަގު ފަސް ޕޮޮއިންޓަށް ފުޅާވެ، ބަޔާން ވަނީ އިތުރަށް ޕްރެޝަރަށް ވެއްޓިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑްރީސެން ވިދާޅުވީ، ޓުޗެލް އަށް ޕްރެޝަރެއް އަދި ބިރެއް ނޯންނާނެ ކަމަށާއި، އޭނާގެ މަޤާމު ރައްކާތެރިވާނެ ކަމަށެވެ. އަދި އޭނާއާ މެދު ބަޔާންގެ އިސްވެރިން ގެންގުޅޭ ވިސްނުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް ޑްރީސެން ވިދާޅުވި އެވެ. އިތުރަށް އޭނާ ވިދާޅުވީ، ލެވަކޫސަން އަތުން ބަލިވުން ބަޔާނަށް އެ މެޗުގައި ހައްގު ކަމަށެވެ. އެހެން ނަމަވެސް، ބަޔާނުން ފަސް އެނބުރި ނުބަލާނެ ކަމަށާއި، ހިތްވަރާއެކު ކުރިއަށް ދާން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ކުލަބުގެ ކޯޗާއި، ކޯޗިން އޮފިޝަލުން އަދި ކުޅުންތެރިންނަަށް އަބަދު ވެސް ހިތްވަރު ދޭނެ ކަމަށެވެ. އެމީހުން ކުރާ މަސައްކަތް ބަލައި ގަންނަ ކަމަށާއި، ރަނގަޅު ކުރަން ޖެހޭ ކަންކަން އެންމެންގެ މަޝްވަރާގެ މަތިން ހޯދައި، އެކަންކަން ރަނގަޅު ކުރަން އަމާޒު ހިފާނެ ކަމަށް ވެސް ޑްރީސެން ވަނީ ވިދާޅުވެފަ އެވެ.
ބަޔާންގެ ކޯޗުކަމާ އުމުރުން 50 އަހަރުގެ ޓުޗެލް ހަވާލުވީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމުންނެވެ. ޓުޗެލް އަށް ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ އޭރު ނަތީޖާ ގޯސްވެފައި އޮތް ބަޔާންގެ ނަތީޖާ ރަނގަޅުކޮށް، އެ ކުލަބު ހަމަ މަގަށް އެޅުވުމެވެ.
ޓުޗެލް ހަވާލުވީ ފަހުން މިހާތަނަށް ބަޔާން ކުޅެފައި ވަނީ 42 މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 28 މެޗުން މޮޅުވެފަ އެވެ. ނުވަ މެޗުން ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން ވަނީ މިހާތަނަށް 21 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 16 މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.