ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 14:55
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ފައިލޭރިއާ އަށް ޓެސްޓު ކުރުން
މުޅި ރާއްޖޭގައި ހިންގުމަށް ރޭވިފައިވާ ފައިލޭރިއާ ސްކްރީނިންގ ޕްރޮގްރާމް އަންނަ ހުކުރު ދުވަހު ފަށަނީ
 
ޕޮސިޓިވްވާ ފަރާތްތަކަށް ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ދެވޭނެ
 
މި ޓެސްޓްގެ ނަތީޖާ 15-10 މިނެޓް ތެރޭގައި ލިބޭނެ
 
ފައިލޭރިއާއަށް ޓެސްޓް ކުރެވޭނީ ލޭނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބޭނުންކޮށްގެން

މުޅި ރާއްޖޭގައި ހިންގުމަށް ރޭވިފައިވާ ފައިލޭރިއާ ސްކްރީނިންގ ޕްރޮގްރާމް އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ހިންގުމަށް ރޭވިފައިވާ ފައިލޭރިއާ ސްކްރީނިންގ ޕްރޮގްރާމެއް ފެބްރުއަރީ 16 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި މޯލްޑިވްސް ރެޑް ކްރެސެންޓް، ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު އަދި ހުރިހާ ކައުންސިލް ތަކުން ހަރަކާތްތެރިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި މި ސްކްރީނިންގ ކުރިއަށްދާނެ ކަމަށާއި، ސްކްރީނިންގް ގައި ބައިވެރިކުރެވޭނީ ކޮންމެ ރަށަކުންވެސް ވަކި އަދަދަކަށް ގުރުއަތުން ހޮވާލެވޭ 18 އަހަރުންމަތީގެ ދިވެހިންނާއި ބިދޭސީން ކަމަށެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ޓެސްޓް ކުރެވޭނީ ލޭނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބޭނުންކޮށްގެން ކަމަށެވެ. މި ޓެސްޓްގެ ނަތީޖާ 15-10 މިނެޓް ތެރޭގައި ލިބޭނެއެވެ. އެޗްޕީއޭއިން ބުނީ ޓެސްޓް ހެދުމަށްފަހު ޕޮސިޓިވްވާ ފަރާތްތަކަށް ފައިލޭރިއާގެ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ސިއްހީ ޚިދުމަތްތެރިއެއްގެ ބެލެމުގެ ދަށުން ދެވޭނެ ކަމަށެވެ.

މި ބޭސް ކާންޖެހެނީ އެއްފަހަރުއެވެ. ޕޮސިޓިވްވާ މީހުން މި ބޭސް ކެއުމުން އެމީހުންގެ ބައްޔަށް ފަރުވާ ކުރެވުމާއެކު އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުންވެސް ހުއްޓުވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މި ސްކްރީނިންގައި ބައިވެރިވުމަށް ގުރުއަތުން ހޮވޭ ގޭގެއަށް ޓީމުތައް ފެބްރުއަރީ 16 ވަނަ ދުވަހުން ފެށިގެން ހަވީރު 4.00 އިން ރޭގަނޑު 9.00 އާއި ދެމެދުގެ ވަގުތެއްގައި ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި ބިދޭސީންގެ ތެރެއިންވެސް ހޮވާ ލެވޭ ފަރާތްތަކަށް ސްކްރީނިންގ ކުރިއަށް ގެންދިއުމަށް ވަޒީފާދޭ ފަރާތްތަކާއި މުއާމަލާތް ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ފެބްރުއަރީ 12 ވަނަ ދުވަހު މި ސްކްރީނިންގް ޕްރޮގްރާމް ޕްރީޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލެއިން ހޮވާލެވޭ ސަރަހައްދުތަކެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ފައިލޭރިއާއަށް ސްކްރީނިންގ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކަށް އެންމެހާ ރައްޔިތުންނާއި ކަމާގުޅުންހުރި އިދާރާތަކުން އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް