ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އަތުން ލިބުނު ލަދުވެތި ބައްޔާއެކު، ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ބަޔާން، ލެވަކޫސަނާާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-0 އިންނެވެ. ލެވަކޫސަންގެ ދަނޑުގައި ލިބުނު ލަދުވެތި ބައްޔާއެކު، ބަޔާން ވަނީ ލީގު ރޭހުން ފަހަތަށް ސޮއްސާލައިފަ އެވެ. މީގެ ކުރިން ވެސް ބަޔާންގެ ނަތީޖާތައް ދަށްވުމުން ޓުޗެލް އަށް ޕްރެޝަރު ބޮޑުވާ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ޖަރުމަނުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ލެވަކޫސަން އަތުން ލިބުނު ބައްޔާއެކު، ޓުޗެލް އަށް އިތުރަށް ޕްރެޝަރު ބޮޑުވާނެ އެވެ. އަދި އޭނާއާ މެދު ކުލަބުގެ ވެރިން ގެންގުޅެމުން އަންނަ ވިސްނުން ބަދަލުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ބަޔާންގައި ޓުޗެލްގެ ވަޒީފާ މިހާރު އޮންނާނީ ސުވާލެއްގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން، ބަޔާންގެ ކޯޗުކަމުން އޭނާ ވަކި ކުރުން ގާތް ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ބަޔާންގެ ކޯޗުކަމާ އުމުރުން 50 އަހަރުގެ ޓުޗެލް ހަވާލުވީ، މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމުންނެވެ. ޓުޗެލް އަށް ހަވާލު ކުރި އެންމެ ބޮޑު މަސައްކަތަކީ އޭރު ނަތީޖާ ގޯސްވެފައި އޮތް ބަޔާންގެ ނަތީޖާ ރަނގަޅުކޮށް، އެ ކުލަބު ހަމަ މަގަށް އެޅުވުމެވެ.
ޓުޗެލް ހަވާލުވީ ފަހުން މިހާތަނަށް ބަޔާން ކުޅެފައި ވަނީ 42 މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 28 މެޗުން މޮޅުވެފަ އެވެ. ނުވަ މެޗުން ބަލިވެފައިވާއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ބަޔާން ވަނީ މިހާތަނަށް 21 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 16 މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.