އަނިޔާއަށްފަހު އެނބުރި އައިސް ހާލަންޑް ޖެހި ފުރަތަމަ ދެ ގޯލުން މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން އަތުން ސިޓީ މޮޅުވީ ހާލަންޑްގެ ދެ ލަނޑުންނެވެ. މެޗު ސިޓީން ކާމިޔާބުކުރީ 2-0 ނެވެ. މިމޮޅާއެކު ވާދަވެރި ޓީމްތަކާ މެޗު ހަމަކޮށް, ސިޓީ އޮތީ ތާވަލްގެ އެއްވަނައިގަ އެވެ. އެއީ ދެވަނައިގައި އޮތް ލިވަޕޫލަށްވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އެއްވަނައިގައި އޮތީ 23 މެޗުން 52 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ލިވަޕޫލް އޮތީ 23 މެޗުން 51 ޕޮއިންޓާ އެކުއެވެ. އާސެނަލް އޮތީ 49 ޕޮއިންޓްގައެވެ. ހަތަރު ވަނައިގައި އޮތީ 46 ޕޮއިންޓާއެކު އެސްޓަން ވިލާ އެވެ.
އެވަޓަން އަތުން މޮޅުވި މެޗުގައި ހާލަންޑް ފުރަތަމަ ގޯލް ޖެހީ 71 ވަނަ މިނިޓްގައި ނަތަން އަކޭ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ދެވަނަ ލަނޑު 85 ވަނަ މިނިޓްގައި ޖެހީ ކެވިން ޑި ބުރޭނާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މިއީ ލީގުގައި ވިދިވިދިގެން ސިޓީގެ ހަ ވަނަ މޮޅެވެ. އަދި ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ވިދިވިދިގެން 10 ވަނަ މޮޅެވެ. ހާލަންޑް ދާދި ފަހުން އެނބުރި އައީ ނޮވެމްބަރު މަހު ލިނުބު އަނިޔާއަށްފަހު އެވެ.