ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗު ވަރަށް އުނދަގޫ ވާނެ ކަމަށާއި، ނަމަވެސް މެޗަށް ފުރިހަމަ އަށް ތައްޔާރު ކަމަށް، ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.
މިވަގުތު ޖަރުމަނު ލީގުގެ އެއް ވަނައިގައި ލެވަކޫސަން އޮތްއިރު، މަގާމު ދެމެހެއްޓުމަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވުން އެ ޓީމަށް ވަރަށް މުހިންމެވެ. މި ސީޒަންގެ ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައިނުވާއިރު، މިހާތަނަށް ލެވަކޫސަން ވަނީ ބަލި ނުވެ 30 މެޗު ހަމަކޮށްފަ އެވެ.
ބަޔާން މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، ބަޔާނާ ދެކޮޅަށް ކުޅޭ މެޗަކީ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭ މެޗަކަށް ވާނެ ކަމަށެވެ. ޚާއްސަކޮށް ބަޔާންގެ ވަކި ވަކި ކުޅުންތެރިންގެ ހުނަރު ވެސް ވަރަށް މޮޅުވާނެ ކަމަށާއި، އެއީ ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ. ބަޔާން އަކީ އެންމެ ފަހުގެ ޗެމްޕިއަނުންކަން ފާހަގަކޮށް އަލޮންސޯ ބުނީ، އެ މެޗަކީ މަތީ ފަންތީގެ މެޗަކަށް ވާނެ ކަމަށެވެ. ލެވަކޫސަން އަށް ކުރިމަތީގައި އޮތީ ބޮޑު ޗެލެންޖެއް ކަމަށާއި، ނަމަވެސް މެޗަށް ފުރިހަމަ އަށް ތައްޔާރު ކަމަށް ވެސް އަލޮންސޯ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ލެވަކޫސަންގެ ވިސްނުމަކީ މެޗަށް ފޯކަސްކޮށްގެން، ފުރިހަމަ ކުޅުމެއް ދެއްކުން ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ ލެވަކޫސަން އިން ބަޔާން ބަލި ކުރަން ޖެހޭ ކަމަށާއި، އެކަން އެއް ފަހަަށްވުރެ ގިނަ ފަހަރު ވެސް ކުރަން ޖެހޭ ކަމަށެވެ. ބަޔާންގެ އަަބަދު ވެސް ޑީއެންއޭ އަކީ މޮޅުވުން ކަމަށާއި، ބަޔާން އަކީ ރެކޯޑު ޗެމްޕިއަނުންނަށް ވަނީ އެ ސަބަބާ ހުރެ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް، ލެވަކޫސަންގައި މިހާތަނަށް ކުރި މަސައްކަތާއި، ކުޅުންތެރިންގެ މަސައްކަތާއި، ކުޅުންތެރިން ދައްކާ ކުޅުމަށް ބަލާއިރު، ބަޔާންގެ މައްޗަށް ކުރި ނުހޯދެންވީ ސަބަބެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
މިހާތަނަށް ކުޅުނު 20 މެޗުން 52 ޕޮއިންޓު ހޯދައިގެން ލެވަކޫސަން އެއް ވަނައިގައި އޮތް އިރު، ދެ ވަނައިގައި ބަޔާން އަށް ލިބެނީ 50 ޕޮއިންޓެވެ.