ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި ކުރީގެ ގަދަ ދެބާރު ނިއުރޭޑިއަންޓާއި ވިކްޓްރީ ވާދަކުރަން ޖެހިއްޖެ އެވެ.
އަލުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން މަސައްކަތް ކުރަމުން އަންނަ ދެ ޓީމް ސެމީފައިނަލްގައި ވާދަކުރަން ޖެހުމުން މީގެތެރެއިން އެއް ޓީމަކަށް ފުރަތަމަ ޑިވިޝަން ޔަގީން ވާނެއެވެ. އަދި ދެޓީމް އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ކޮލިފައި ނުވާނެކަން ވެސް ވަނީ ޔަގީން ވެފައެވެ. މީގެތެރެއިން ފުރަތަމަ ޑިވިޝަނަށް އަލުން ޕްރޮމޯޓްވާނެ ޓީމެއް ޔަގީން ވާނީ އަންނަ ހޯމަ ދުވަހު މިދެޓީމް ވާދަކުރާ ސެމީފައިނަލް މެޗުންނެވެ.
މިހާތަނަށް ދެ ޓީމްވެސް ކުޅުނު ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ. އެހެންކަމުން ކަޓާ ޓީމެއް ކަޓާނީ އެންމެ މެޗަކުން ބަލިވެގެންނެވެ. ފުރަތަމަ ޑިވިޝަންގެ ޖާގަހޯދަން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ދެޓީމްގައި ވެސް ބިދޭސީ ހަ ކުޅުންތެރިން ހިމެނެއެވެ. މީގެއިތުރުން ދެން ހިމެނެނީވެސް ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅުނު ކުޅުންތެރިންނެވެ.
ނިއުރޭޑިއަންޓް ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓާ ފައިނަލްގައި 8-0 ން ކްލަބް ޕީކޭ ބަލިކޮށްގެންނެވެ. ވިކްޓްރީ ކްއާޓާ ފައިނަލްގައި ކުރި ހޯދީ 3-1 ން ކުޑަހެންވެއިރުގެ މައްޗަށެވެ. އެމެޗުގެ 81 ވަނަ މިނިޓާ ހަމައިން ހަމަނުޖެހުން ހިނގާ މެޗު ހުއްޓާލިއިރު 3-1 ން ކުރީގައި އޮތީ ވިކްޓްރީއެވެ. އަދި ފަހުން މެޗުގެ ބާކީބައި ސަޕޯޓަރުން ނުވައްދާ މިއަދު ކުޅެން ނިންމާފައި ވަނިކޮށް, ކުޑަހެންވެއިރުން ވަނީ މެޗުގެ ބާކީބައި ކުޅެން ބޭނުން ނޫންކަމަށް ބުނެފައެވެ.
އަނެއް ސެމީފައިނަލްގައި ވާދަކުރަނީ މަސްއޮޑި ސްޕޯރޓްސް ކްލަބާއި ޓެންޓް ސްޕޯރޓްސް ކްލަބެވެ. މަސްއޮޑިއަކީ ވެސް މިހާތަނަށް ކުޅުނު މެޗުތައް ކާމިޔާބުކޮށްފައިވާ ޓީމެކެވެ.