ޕާކިސްތާނުގެ އާ ބޮޑު ވަޒީރު ކަމަށް ދެން ވަޑައިގަންނަވާނީ ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ހައްގާން އައްބާސީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދުވަހު ބާއްވާ ވޯޓުގައި ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާއިރު ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފު މަގާމުގައި ދެމިހުރުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ނިންމި ނިންމުމާއިއެކު އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ނެޝެނަލް އެސެމްބްލީގައި، އިސްތިއުފާ ދެއްވި ބޮޑު ވަޒީރު ޝަރީފު ނިސްބަތްވެވަޑައިގަންނަވާ ޕީއެމްއެލް-އެން އަށް 188 ސީޓު ލިބިފައިވާއިރު އެއީ މެޖޯރިޓީއެވެ. ނެޝެނަލް އެސެމްބްލީ އެކުލެވިގެން ވަނީ 342 މެމްބަރުންގެ މައްޗަށެވެ. އެހެން ކަމުން އެ ޕާޓީ އިން ބޭނުންވާ ކެނޑިޑޭޓަކަށް ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވޭނެއެވެ. ކުރީގެ ބޮޑު ވަޒީރު ޝަރީފު ވަނީ އެމަނިކުފާނަށް އިތުބާރު ކުރެއްވޭ ބޭފުޅެއް ކަމަށްވާ ކުރީގެ ޕެޓްރޯލިއަމް މިނިސްޓަރު ޝާހިދު ހައްގާން އައްބާސީ، އާ ވަގުތި ބޮޑު ވަޒީރު ކަމަށް ނޮމިނޭޓު ކުރައްވާފަައެވެ. ކުރީގެ ބޮޑު ވަޒީރު ޝަރީފު، ވަގުތީ ބޮޑުވަޒީރު ކަަމަށް އައްބާސީ ނޮމިނޭޓް ކުރެއްވީ ޝަރީފު ގެ ކޮށްކޯފުޅު ޝަހްބާޒް ޝަރީފު ދެމަހެއްހާ ދުވަސް ފަހުން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވަންދެންނެވެ.
ބޮޑު ވަޒީރު ޝަރީފު މަގާމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅީ، ނަވާޒް ޝަރީފްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި އެކަން ތަހުގީގު ކުރުމަށް ފަހު ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި މިވަނީ ޖޮއިންޓް އިންވެސްޓިގޭޝަން ޓީމު (ޖޭއައިޓީ)ގެ ތަހުގީގަށް ފަހު ކޯޓަށް ހުށަހެޅި 254 ސަފުހާގެ ރިޕޯޓަށް ބެލުމަށް ފަހު އެވެ.
ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ ނަން ހިމަނާފައި ނެތެވެ. މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ޒަރީއާއިން ލީކުވެފައިވާ މައުލޫމާތުގައި ނަވާޒް ޝަރީފްގެ ބޭފުޅުންވަނީ އޮފްޝޯ ކުންފުންޏެއް ރަޖިސްޓަރީކޮށް މާލީ ބޮޑެތި ފައިދާތަކެއް ހޯއްދަވާފައެވެ. ލީކު ވެފައިވާ ޕެނެމާ ޕޭޕަރު ތަކުގައިވާ ގޮތުން ނަވާޒް ޝަރީފް ބޭފުޅުންވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ކުންފުންޏެއް ރަޖިސްޓަރީކޮށް އެ ކުންފުނިން އިނގިރޭސިވިލާތުން އިމާރާތްތައް ބައްލަވައި ގަނެފައެވެ.
ބޮޑުވަޒީރު ޝަރީފު މަގާމުގެ ޝަރުތު ފުރިހަމަނުވާ ސްޕްރީމް ކޯޓުން ކަނޑައެޅީ ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ ބެންޗަކުންނެެވެ.
ބޮޑު ވަޒީރު ނަވާޒު ޝަރީފު ވެވަޑައިގެންފައި ވަނީ ޕާކިސްތާނުގެ 70 އަހަރުވީ ތާރީޚުގައި މަގާމުން ދުރުކުރެވުނު ދެ ވަނަ ބޮޑު ވަޒީރަށެވެ. މީގެ ކުރިން 2012 ވަނަ އަހަރު ވަނީ އޭރުގެ ބޮޑު ވަޒީރު ޔޫސުފް ރިޒާ ގިލާނީ ސުޕްރީމް ކޯޓުން މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކުރީ ރައީސް އާސިފް އަލީ ޒަރުދާރީގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް ދެކޮޅު ހެއްދެވުމުންނެވެ.