Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 16:52
ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ކިނބިދުއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުން
ކިނބިދުއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުން ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
ތ. މަޑިފުއްޓާއި ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލަން ވަނީ ނިންމާފައި
އެންމެ މުހިންމީ އިގްތިސާދީ ކުރިއެރުން ގެނެސްދިނުން
ރަށްރަށުގެ ރައްޔިތުންނަށް ފުދުންތެރިކަން ލިބޭނެ މަގު ސަރުކާރުން ކޮށައިދޭނެ

ކިނބިދުއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުން ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބުރާސްފަތި އެ އަތޮޅު ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކިނބިދޫ ރައްޔިތުން އެންމެ އިސްކަންދޭ ކަމަކީ ކިނބިދުއާއި ވޭމަންޑޫ ގުޅާލުންކަމުގައިވާތީ، ސަރުކާރުން ވެސް އެންމެ އިސްކަންދޭނީ އެ މަސައްކަތަށް ކަމުގައެވެ. މީގެ އިތުރުން ތ. މަޑިފުއްޓާއި ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލަން ނިންމާފައިވާތީ، ކޮޅުމަޑުލުގައި ޖުމްލަ ދެ ކޯޒް އެޅިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެންމެ މުހިންމީ އިގްތިސާދީ ކުރިއެރުން ގެނެސްދިނުން ކަމުގައެވެ. އެގޮތުން އިގްތިސާދު ފުޅާކޮށް އާމްދަނީ އިތުރުކުރަމުން އަދި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރަމުން، ހުރިހާ ރަށެއްގެ ރައްޔިތުންގެ އުންމީދުތައް އެ ބޭނުންވާގޮތަށް ހާސިލްކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީ މާނަހުރި ގޮތެއްގައި ގެނެވޭނީ މިހާރު ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެވިގެން ކަމުގައެވެ. އަދި އެކަމުން އަރައިގަތުމަށާއި އިގްތިސާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިގްތިސާދީ އެޖެންޑާ އައިއެމްއެފްއިން ބަލައިގެންފައި ވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރަށްރަށުގެ ރައްޔިތުންނަށް ފުދުންތެރިކަން ލިބޭނެ މަގު ސަރުކާރުން ކޮށައިދޭނެކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ކައުންސިލުތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް އައުމުގެ ބަދަލުގައި އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިޔަތް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ދަތުރުތައް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް