ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލްގައި ސްޓަޓްގާޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާ ލެވަކޫސަން އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހު ކުޅުނު ކުއާޓާ ފައިނަލް މެޗު ލެވަކޫސަން އިން ކާމިޔާބު ކުރީ، 3-2 އިންނެވެ. ލެވަކޫސަން އަކީ މި ސީޒަންގައި ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ޓީމެކެވެ. މިވަގުތު، ޖަރުމަނު ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ވެސް ލެވަކޫސަން އެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސްޓަޓްގާޓް އިންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ވަލްޑެމާ އެންޓަން އެވެ. އޭނާ އެ ލަނޑު ޖެހީ، އަންގެލޯ ސްޓިލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ލެވަކޫސަން އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮބާޓް އަންޑްރިޗް އެވެ.
ލެވަކޫސަން އިން ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓު ފަހުން، ސްޓަޓްގާޓް އިން ދެ ވަނަ ފަހަރަށް ލީޑު ނެގި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސް ފްރިޗް އެވެ. ދެ ވަނަ ފަހަރަށް ލެވަކޫސަން އިން ނަތީޖާ ހަމަހަމަ ކުރީ 66 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަމީން އަދްލީ އެވެ. މެޗުގައި އޭނާ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މެޗުން ލެވަކޫސަން މޮޅުވީ، 90 ވަނަ މިނެޓުގައި ޖޮނަތަން ޓާ ޖެހި ލަނޑުންނެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފްލޯރިއަން ވާޓްޒް އެވެ.
މި ސީޒަންގައި ލެވަކޫސަން އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، މިހާތަނަށް ޖަރުމަނު ލީގުގައި ބަލި ނުވާ ހަމައެކަނި ޓީމަކީ ވެސް އެއީ އެވެ. އަނެއްކޮޅުން، ލެވަކޫސަން ވަނީ މިހާތަނަށް ބަލި ނުވެ، 30 މެޗު ހަމަކޮށްފަ އެވެ.