ކ. މާލެ
|
7 ފެބްރުއަރީ 2024 | ބުދަ 18:49
ހައްޖަށް އަޅުކަމުގެ ތެރެއިން
ހައްޖަށް އަޅުކަމުގެ ތެރެއިން
ރޮއިޓާސް
އިސްލާމީ ވުޒާރާ
ސައުދީގައި ތިބޭ ދިވެހި ދަރިވަރުންނަށް، ޙައްޖާޖީންނަށް އެހީވުމަށް ޙައްޖުގައި ބައިވެރިވުމުގެ ހުއްދަ ރަސްމީކޮށް ދީފި
 
އެ ދަރިވަރުންގެ ފަރާތުން ގައިޑުން ގޮތުގައި އެހީތެރިކަން ލިބޭނެ އިރު، ދީނީ ގޮތުންނާއި އަދި އެ ނޫން ވެސް ގޮތްގޮތުން ހައްޖާޖީންނަށް އެހީ ލިބޭނެ

ސަޢުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް، ދިވެހި ޙައްޖާޖީންނަށް އެހީވެ ޙައްޖުގައި ބައިވެރިވުމުގެ ޙުއްދަ، ސައުދީގެ ޙައްޖު މިނިސްޓްރީން ދީފިއެވެ.

އެ ޙުއްދަ ދީފައިވާކަން ޢިއުލާން ކުރެއްވީ ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުމަށް ސައުދީ ހައްޖު ވުޒާރާއިން އެއްބަސްވެ، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިނިސްޓްރީއަށް ބުދަ ދުވަހު އަންގާފައިވާ ކަމަށެވެ. އެހެންކަމުން މީގެ ފަހުން، ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ޙައްޖުވެރިންނަށް އެހީތެރިކަން ދިނުމަށްޓަކައި ދިވެހި ދަރިވަރުން ހަރަކާތްތެރިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ވަރަށް މުހިންމު ކަމެއް މިއަދު މި ހަމަޖައްސައިދެއްވީ، އެއީ، ދިވެހި ރާއްޖޭގެ ޙައްޖުވެރިންނަށް އެހީތެރިކަން ދިނުމަށްޓަކައި ކޮންމެ އަހަރަކު ވެސް ސައުދީ އަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ޙައްޖުގައި ބައިވެރިވެވޭ ގޮތަށް ރަސްމީކޮށް މިހާރު މި ވަނީ އެކަމަށް އެޕްރުވަލް ދެއްވާފަ. ހައްޖު މިނިސްޓަރުގެ ސިޓީއެއް އަޅުގަނޑުމެންނަށް ވަނީ ލިބިފައި މިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުން ޤަބޫލުކުރައްވައި.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ވަޒީރު ވިދާޅުވީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި ޢަރަބި ބަސް ދަންނަ މީހުން، ސައުދީގެ އެތެރޭގެ ދަތުރުފަތުރުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ޢަރަބި ބަސް ދަންނަ މީހުން މަދުވުމުން، ބައެއް ދަތިތައް ޙައްޖުވެރިންނަށް ދިމާވާ ކަމަށެވެ. އެހެން ނަމަވެސް ދިވެހި ދަރިވަރުންނަށް އެ ޙުއްދަ ލިބުމާއެކު، މިކަމުގެ ސަބަބުން ހައްޖުވެރިންނަށް ލުއި ފަސޭހަ ކަމެއް ލިބޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން އެ ދަރިވަރުންގެ ފަރާތުން ގައިޑުން ގޮތުގައި އެހީތެރިކަން ލިބޭނެ އިރު، ދީނީ ގޮތުންނާއި އަދި އެ ނޫން ވެސް ގޮތްގޮތުން ހައްޖާޖީންނަށް އެހީ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މި ފުރުސަތަކީ ސައުދީގެ ސަރުކާރުން ވަރަށް މަދު ގައުމަކަށް ދޭ ފުރުސަތެކެވެ. އެގޮތުން އެ ގައުމުގެ އުސޫލު އޮންނަ ގޮތުން، ޢާންމުކޮށް ސައުދީ ރައްޔިތަކަށް ވެސް އަދި އެގައުމުގައި ކިޔަވަންތިބޭ ބޭރުގެ ދަރިވަރުންނަށް ވެސް ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުއެވެ. އެހެން ނަމަވެސް ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރަކު ވެސް ޙައްޖުގައި ބައިވެރިވެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި އެ މަސައްކަތް ކުރުމަށްޓަކައި އިސްލާމީ ވުޒާރާއިން އެ ގައުމުގައި ތިބި ދަރިވަރުންނާ ގުޅޭ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރުމުގެ އިތުރުން، ކޮންމެ އަހަރަކު ވެސް ވަކި ޢަދަދަކަށް އިޚްތިޔާރް ކުރާނެ ދަރިވަރުންގެ ޢަދަދާ ގުޅޭ ގޮތުން ޙައްޖު ކޯޕަރޭޝަނާ ގުޅިގެން އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެކަމަށްޓަކައި ވަޒީރު ވަނީ ސައުދީގެ ޙައްޖު މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީއަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް