ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ސިފަކުރެއްވެނީ ވަރަށް ހުސް ބަޔާނެއްގެ ގޮތުގައިކަމަށް ކުރީ ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާ ގައުމުގެ ހާލަތު ބަޔާންކުރައްވާ ކުރިޔަށް އޮތް އަހަރަށް ކަންކަން ރާވާފައިވާ ގޮތް ބަޔާންކުރެއްވުމަށް އަހަރު ފަށާއިރު ބާއްވާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ބަޔާނެކެވެ. ރައީސް ޑރ މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ރިޔާސީ ބަޔާން ހޯމަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވާފައިވާއިރު، އެ ބަޔާނުން ފާހަގަކުރެވުނު ކަންކަން ޝައުނާ ވަނީ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވިދާޅުވެ ދެއްވާފައެވެ.
ޝައުނާ ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނުގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލައްވާފައި ނެތްކަމަށެވެ. އެގޮތުން ފާއިތުވި 15 އަހަރުގެ ތެރޭގައި ސިޔާސީ ގޮތުން ރައްޔިތުން އެންމެ ބޮޑަށް އެދޭ ބަދަލަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުންކަމަށާއި ނަމަވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ލާމަރުކަޒީ ނިޒާމު ގާއިމުކުރުމާއި ގުޅޭގޮތުން އެއްވެސް ކަމެއް ފާހަގަކުރައްވާފައިނުވާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
މީގެއިތުރުން ހުރިހާ ރައީސުންގެ ރިޔާސީ ބަޔާނުގައި ވެސް ދައުލަތުގެ ރިޒަރވް ހުންނަ މިންވަރާއި އުފެއްދުންތެރިކަން ކުރިޔަށް އޮތް އަހަރުތެރޭގައި ހުންނާނެކަމަށް އަންދާޒާކުރާ މިންވަރާއި ލަނޑުދަނޑިތައް ހާމަކުރައްވާކަމަށެވެ. ނަމަވެސް ރައީސްގެ ރިޔާސީ ބަޔާނުގައި އެ ނަންބަރުތައް ވެސް ހާމަކުރައްވާފައިނުވާކަމަށް ޝައުނާ ވިދާޅުވިއެވެ.
އަދި ރާއްޖޭގެ 20 ،15 އަހަރު ތެރޭގައި ފުދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ކުދި އަދި މެދު ފަންތީގެ ވާހަކަ. އެ ބަސް ވެސް ވިދާޅެއް ނުވޭ، އަދި ހަމައެއާއެކު ސަރަހައްދީ ތަރައްގީގެ ވާހަކަ ދައްކާއިރު ޖަޒީރާ ގައުމަކަށްވާއިރު ރާއްޖެއަށް ދިވެހި އެންމެ ބޮޑަށް ބޭނުންވަނީ ހަގީގަތުގައި އެންމެ މުހިންމު ސިޔާސަތަކީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުން. ނިމިދިޔަ ސަރުކާރުގައި އެންމެ ބޮޑަށް އިންވެސްޓްކޮށްގެން ކާމިޔާބުކަމާއެކު ކުރިޔަށްގެންދެވުނު ސިޔާސަތެއް ވެސް މިއީ. ނަމަވެސް އާރުޓީއެލްގެ ފެރީގެ އެއްވެސް ވާހަކައެއް އަޑެއް ނީވޭ.ކުރީ ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ
މީގެއިތުރުން ޝައުނާ ވިދާޅުވީ ސޯޝަލް ސެކްޓަރަށް ބަލާއިރު ޒުވާނުން އެކަމަށް އެދިއެދި ތިބި އެންމެ މުހިންމު ކަމަކީ މަތީ ތައުލީމުގެ ފުރުސަތު އިތުރަށް ފުޅާކުރެވޭނެ ގޮތްތައް ކަމަށެވެ. އަދި ސަރުކާރުން ރާވާފައިހުރި ކަންކަން ޒުވާނުން ބަލަންބޭނުންވާނެ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި އެފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާކަމަށް ޝައުނާ ވިދާޅުވިއެވެ.
މީގެއިތުރުން ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށާއި އެކަން ހައްލުކުރާނެ ގޮތެއް ވެސް ރިޔާސީ ބަޔާނުގައި ނެތްކަމަށް ޝައުނާ ވިދާޅުވިއެވެ.