ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބޭ ގެއްލުންތައް މޮނީޓާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ޚާއްސަ ޓާސްކް ފޯސްއެއް އުފެއްދެވި ސަބަބާ ގުޅޭގޮތުން ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ސުވާލު އުފައްދަވައިފިއެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހޯމަ ދުވަހާއި އަންގާރަ ދުވަހު މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އެކަމާ ގުޅިގެން ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވާ، ވިއްސާރައިގައި ލިބޭ ގެއްލުންތައް މޮނީޓާ ކުރުމަށް ޚާއްސަ ޓާސްކް ފޯސްއެއް ވަނީ އެކުލަވާލައްވާފައެވެ.
އެކަމާ ގުޅިގެން ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ޝައުނާ ވިދާޅުވީ މި މަސައްކަތްތައް ކުރުމަށް ގާނޫނުން މަތިކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގާނޫނެއް އޮތްއިރު, ވަކި ޓާސްކް ފޯސް އެކުލަވާލާފައިވަނީ ކޮން ބޭނުމެއްގައިތޯ ޝިއުނާ ވަނީ ސުވާލު އުފައްދާފައެވެ. އަދިި ސަރުކާރުގެ އަމާޒަކަށްވާންވާނީ ދައުލަތުގެ މުއައްސަސާތައް ބާރުވެރިކުރުވުން ކަމަށް ޝައުނާ ވިދާޅުވިއެވެ.
ޝައުނާގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއިރު، ރައީސް އެކުލަވާލެއްވި ޓާސްކް ފޯސްގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހޯމް މިނިސްޓަރު އަލީ އިހުސާން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، ސިފައިންގެ ޗީފު މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އަދި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ހިމެނިވަޑައިގަންނަވައެވެ. އަދި ޓާސްކް ފޯސްގެ ޗެއަރކަން ކުރައްވަނީ ރައީސް މުއިއްޒެވެ.
އެންޑީއެމްއޭއިން އަބަދުވެސް ދަނީ ރާއްޖެއަށް ކުރިމަތިވާ ކާރިސާތަކުގެ ރިޕޯޓުތައް އެކުލަވާލާ، ގެއްލުން ލިބޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.