ހިންދީ ފިލްމު "އައްޔާރީ"ގެ ލަންޑަންގައި ޝޫޓް ކުރަންޖެހޭ ހުރިހާ މަންޒަރުތައް ނަގާ ނިންމާލައިފިއެވެ.
ނަސީރުއްދީން ޝާހު ލީޑް ރޯލުން ފެނިގެންދާ "އައްޔާރީ" ގެ ޑައިރެކްޓަރަކީ ނީރަޖް ޕާންޑޭއެވެ.
ނަސީރުއްދީން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން "އަ ވެނިސްޑޭ" އަކީ މަޝްހޫރުވި ފިލްމެކެވެ.
މި ފިލްމުގައި ނަސީރުއްދީން ޝާހުގެ އިތުރުން ފެނިގެންދާނީ ސިދާތު މަލޯތުރާއާއި މަނީކް ބާޖްޕާއެވެ. ސިދާތު މަލޯތުރާ އާއި މަނޯޖް ވާޖްޕާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މީގެ އިތުރުން ސިދާތުއާއެކު ފިމްލުގެ ލީޑުރޯލުން ރާކުލް ޕްރީތް ސިންހް ފެނިގެންދާނެއެވެ.
ރާކުލް ވަނީ "އައްޔާރީ"ގެ ލަންޑަން ޝެޑިއުލް ނިމުނުކަން އޭނާގެ ޓްވިޓާ މެދުވެރިކޮށް އަންގާފައެވެ.
މި ފިލްމަކީ ސިފައިންގެ ދެމީހެއްގެ ހަޔާތާއި ގުޅޭ ގޮތުން ލިޔެވިފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. ފިލްމުގައި އެ ދެމީހުންނަކީ ވަރަށް ތަފާތު ދެ ފިކުރެއްގެ ދެ އޮފިސަރުންނެވެ. އަދި މި ފިލްމަކީ ހަގީގީ ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ވެސް މެއެވެ.
"އައްޔާރީ" ގެ ޝޫޓިން ކުރިއަށްގެންދާނީ އިނގިރޭސި ވިލާތުގައާއި އިންޑިއާގެ ދިއްލީގެ އިތުރުން ކަޝްމީރުގައެވެ. 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރިލީޒްކުރާނެކަމަށް ބުނާ މިފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނީ ގާތްގަނޑަކަށް ދެ މަސްދުވަސް ވަންދެންކަމަށް ޚަބަރުތައް ބުނެއެވެ.