އެމެރިކާާގެ އިންޓަ މިއާމީން، ހޮންގް ކޮންގްގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން ހޮވާާލެވޭ ކުޅުންތެރިންގެ ޓީމަކާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅުމުން، ހޮންގް ކޮންގް ސަޕޯޓަރުން ރުޅި ގަދަވެއްޖެ އެވެ.
އާދިއްތަ ދުވަހު މިއާމީން ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. އެ މެޗުގެ ކުރިން، އިންޓަ މިއާމީގެ ފަރިތަކުރުންތައް ދަނޑުގައި ކުރިއަށް ގެންދިޔައިރު ވެސް، އެތައް ހާސް ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ. މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މިއާމީގެ ފަރިތަކުރުން ކުރިއަށް ދިޔަ ވަގުތު ވެސް، ގާތްގަނޑަކަށް 40،000 (ސާޅީސް ހާސް) މީހުން ވަނީ ދަނޑަށް ވަދެފަ އެވެ.
ނަމަވެސް، މިއާމީން ކުޅުނު މެޗުގައި ކެޕްޓަން މެސީ ކުޅެފައެއް ނުވެ އެވެ. މެސީ ލައްވާ ކުޅުވުމުގެ ބަދަލުގައި މިއާމީގެ ކޯޗު ޖެރާޑޯ މާޓިނޯ ނިންމީ، އޭނާ ބެންޗުގައި ބައިންދާށެވެ. އެކަމާ ހޮންގް ކޮންގް ސްޕޯޓަރުން ވަނީ ރުޅިވަދަވެ، ނުރުހުން ފާޅު ކޮށްފަ އެވެ. ސަޕޯޓަރުން ބުނީ، އެ މެޗުގެ ޓިކެޓު އަގު ބޮޑު ކަމަށާއި، ނަަމަވެސް މެޗު ބަލަން ޓިކެޓު ގަތީ މެސީ ކުޅޭތީ ކަމަށެވެ. އެ މެޗުގެ ޓިކެޓުގެ އަގު އުޅުނީ 125 ޑޮލަރަށެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަޕޯޓަރަކު ބުނީ، މެސީ އަދި ލުއިސް ސުއަރޭޒް، ހޮންގް ކޮންގް އަށް ގެނައުމަށްފަހު، އެ ދެ ކުޅުންތެރިން ލައްވާ ނުކުޅުވުމަކީ ވަރަށް ގޯސް ނިންމުމެއް ކަމަށެވެ. އަދި އެއީ އެކަން ކޮށްގެން ވާނެ ގޮތް ނޫން ކަމަށާއި، އެކަމާ ސަޕޯޓަރުން އިންތިހާ އަށް ރުޅި ގަދަވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެއީ މެޗު އިންތިޒާމު ކުރި ފަރާތްތަކުން ވެސް ލަދު ގަންނަން ޖެހޭނެ ކަމެއް ކަމަަށާއި، އެއީ އެމީހުންގެ ބޮޑު ފެއިލްވުމެއް ކަމަށެވެ.
އެހެން ސަޕޯޓަރަކު ބުނީ، އެ މެޗު ވަރަށް ރަނގަޅު ކަމަށާއި، ބަލާ ހިތުން މެޗު ބަލާލެވުނު ކަމަށެވެ. ނަމަވެސް، އޭނާ އާއި، އޭނާގެ ކުދިން އަދި އާއިލާ ދަނޑަށް ވަނީ، މެސީ ކުޅޭ މަންޒަރު ހަމަ ލޮލަށް ފެންނާނެ ކަމުގެ އުންމީދުގައި ކަމަށެވެ. ޚާއްސަކޮށް އޭނާގެ ކުދިން ވެސް ތިބީ މެސީ ކުޅޭ މަންޒަރު ހަމަ ލޮލުން ބަލާލުމަށް ވަރަށް ބޭނުންވެފައި ކަމަށެވެ. ނަމަވެސް، މެސީ އެ މެޗުގައި ކުޅެފައި ނުވާތީ، އޭނާގެ ކުދިން ތިބީ ވަރަށް ދެރަވެފައި ކަމަަށް ވެސް އޭނާ ބުންޏެވެ.
މިއާމީން ހޮންގް ކޮންގް މެޗު ކުޅުމަށް ތާވަލުކޮށް، އެ މެޗު އިޝްތިހާރު ކޮށްފައި ވަނީ ވެސް މެސީގެ ފޮޓޯ ހިމަނައިގެންނެވެ. ނަމަވެސް، މެޗުގައި މެސީ ކުޅެފައެއް ނުވެ އެވެ. މިއާމީގެ ކޯޗު މާޓިނޯ ބުނެފައިވާ ގޮތުގައި، މެސީ ލައްވާ ނުކުޅުވީ، މެސީ މުޅިން ފިޓު ނުވާތީއެވެ.