ޖަޕާނާއި އެމެރިކާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގައި ޗައިނާ އަކީ ޚިޔާލީ ދުޝްމަނެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ލިސްޓުކޮށްފައިވާ ކަމަށް ޖަޕާނުގެ މީޑިއާތަކުން ބުނެފިއެވެ.
ޖަޕާނުގެ މީޑިއާތަކުން ފާހަގަކޮށްފައިވާ ގޮތުގައި ޖަޕާނުގެ ސެލްފް ޑިފެންސް ފޯސަސް އާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށި ޖޮއިންޓް ކޮމާންޑް ޕޯސްޓް ކޮމްޕިއުޓަރ ސިމިއުލޭޝަން އެކްސަސައިޒްގައި ޗައިނާ އަކީ ޚިޔާލީ ދުޝްމަނެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ލިސްޓުކޮށްފައިވާ ކަން ސަރުކާރުގެ މަސްދަރުތަކުން ވަނީ ހާމަވެފައެވެ.
މިދަނޑިވަޅުގައި ބެއިޖިންއިން މުސްތަގުބަލުގައި ޓައިވާނަށް އަރައިފާނެތީ އެކި ފަންތީގެ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޖަޕާނުގެ އިނގިރޭސި ނޫހެއް ކަމަށްވާ ޖަޕާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކޮމްޕިއުޓާ ސިމިއުލޭޝަން އެކްސަސައިޒަކީ ޓައިވާނުގައި ކުއްލި ހާލަތެއް އަތުވެއްޖެނަމަ ކަންކުރާނެ ގޮތުގެ ޑްރިލްއެކެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާއިން މި ސިނާރިއޯ ގިންތިކޮށްފައިވަނީ އެތެރޭގެ ގަވާއިދުތަކުގެ ދަށުން ވަކި ސިއްރެއްގެ ގޮތުގައި ކަމަށް ބެލެވެ އެވެ.
ދެގައުމު ގުޅިގެން ފަރިތަކުރުންތައް ކުރިއަށް މިގެންދަނީ، ޖިއޮޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޗައިނާއިން ޓައިވާނާ ދެކޮޅަށް ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ފިޔަވަޅު އަޅައިފާނެކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ)ގެ ޑިރެކްޓަރު ވިލިއަމް ބާންސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވިދާޅުވެފައި ވަނީ 2027 ވަނަ އަހަރުގެ ކުރިން ޓައިވާނަށް އަރައިގަތުމަށް ތައްޔާރުވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ޕީޕަލްސް ލިބަރޭޝަން އާމީއަށް އަންގަވާފައިވާ ކަމަށެވެ.
އެމެރިކާ އާއި ޖަޕާނުގެ ޖޮއިންޓް އެކްޝަން ޕްލޭންތަކެއް އެބަހުރި ކަމަށާއި، އެ ޕްލޭންގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ޓައިވާނުގެ ޑްރާފްޓް ޕްލޭންގެ މަސައްކަތް ނިމިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
އެމެރިކާ އާއި ޖަޕާނާ ދެމެދު މިހާރު ކުރިއަށްދާ ޖޮއިންޓް އެކްސަސައިޒަކީ "ކީން އެޖް" ކޯޑް ނަން ދީފައިވާ ޑްރިލް އެކެވެ. މި އެކްސަސައިޒްގެ ނަތީޖާ، މި އަހަރު ނިމުމުގެ ކުރިން އެކުލަވާލާފައިވާ ފައިނަލް ޕްލޭނުން ފެންނާނެ ކަމަށް ސީއައިއޭގެ ވެރިޔާ ވިދާޅުވިއެވެ.
ޖަޕާން ސެލްފް ޑިފެންސް ފޯސަސްގެ ޗީފް އޮފް ސްޓާފް ކެއިހިޑޭ ޔޮޝިޑާ ވިދާޅުވީ ޖެނުއަރީ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އެކްސަސައިޒަކީ "ވަކި ގައުމެއް ނުވަތަ ސަރަހައްދެއްގެ ވިސްނުމެއް ނެތް" އެކްސަސައިޒެއް ކަމަށެވެ.