އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ އިންޓަ މިއާމީން ހޮންގް ކޮންގްގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން ހޮވާާލެވޭ ކުޅުންތެރިންގެ ޓީމަކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ މެންދުރު ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 4-1 އިންނެވެ. މިއީ އައު ސީޒަނަށް ތައްޔާރުވަމުން އަންނަ މިއާމީން، ޕްރީ ސީޒަންގައި ހޯދުނު ފުރަތަމަ މޮޅެވެ. މިހާތަނަށް މިއާމީން ވަނީ ރަޙުމަތްތެރިކަމުގެ ހަ މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. މޮޅުވީ އާދިއްތަ ދުވަހު ކުޅުނު މެޗުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި މިއާމީން ވަނީ ލަނޑު ޖަހައި، ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ރޮބާޓް ޓޭލާ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ހޮންގް ކޮންގް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހެންރީ އެނިއާ އެވެ. މެޗުގައި މިއާމީގެ އަނެއް ތިން ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް މިއާމީ އަށް ލީޑު ނަގައިދިނީ ލޯސޮން ކޮނެރީ ސަންޑަލެންޑް އެވެ. އޭގެ ފަހުން މެޗުގެ 56 ވަނަ މިނެޓުގައި މިއާމީގެ ތިން ވަނަ ލަނޑު ޖެހީ ލިއާންޑްރޯ ކަމްޕަނާ އެވެ. މެޗުގައި މިއާމީގެ ފަހު ލަނޑު ރްޔާން ސެއިލާ ޖެހީ 85 ވަނަ މިނެޓުގަ އެވެ.
މެޗުގަައި މިއާމީގެ ކެޕްޓަން ލިއޮަނަލް މެސީގެ އިތުރުން، ދާދި ފަހުން އެ ޓީމަށް ގެނައި އުރުގުއޭގެ ލުއިސް ސުއަރޭޒް ކުޅެފައެއް ނުވެ އެވެ. ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާ ވެސް ކުޅެން އެރީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި ބެންޗުންނެވެ.