ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 17:00
ވިނަރެސް ފްލެޓްތައް
ވިނަރެސް ފްލެޓްތައް
ވަން އޮންލައިން
ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރުން
ވިނަރެސް ފްލެޓްތަކުގެ މަހު ކުލިން 4،200 ރުފިޔާ ކުޑަކޮށްފި
 
އެގްރީމެންޓަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
 
އަގު އަދާފައިވާ ފަރާތްތަކަށް، މި ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން
 
އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފްލެޓް ގަތް މީހުންނަށް ވެސް މި ލުއި ދިނުމަށް ވަނީ ނިންމާފައި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ވިނަރެސް ފްލެޓްތަކުގެ އަގު ކުޑަކޮށް، މަހު ކުލިން 4،200 ރުފިޔާ ކުޑަކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ، ވިނަރެސް މަޝްރޫއުން ފްލެޓް ގަތް މީހުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ-14ގެ މަގު ޗާޓާ އެއްގޮތަށް އެ ފަރާތްތަކަށް އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައި ވާކަމަށެވެ.

އެގޮތުން ''ލީސްޓް އޯ މޮޑެލްގެ'' އިންޓްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ބަދަލުކުރުމުގެ އިތުރުން، ފްލެޓްތަކުގެ ޑައުންޕޭމަންޓުގެ 50 އިންސައްތަ ކުޑަކުރެވި، ކުޑަކުރެވުނު 50 އިންސައްތަ ފްލެޓުގެ އަގުން އުނިކުރެވިފައި ވާކަމަށެވެ. މިއާއެކު، ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، 6 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4200 ރުފިޔާ ކުޑަކުރެވިފައި ވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ޑިސްކައުންޓަކީ ފްލެޓުގެ އަގުން ދެވޭ ޑިސްކައުންޓްގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ.

މި ބަދަލާއެކު، ވިނަރެސް މަޝްރޫއުން ފްލެޓް ގަތް ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފްލެޓް ގަތް މީހުންނަށް ވެސް މި ލުއިތައް ދިނުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން ބޭންކު ލޯނަށް މަހަކު އެވްރެޖްކޮށް ދައްކަންޖެހޭ ކަމަށް ލަފާކުރެވޭ އަދަދުން 4200 ރުފިޔާ އެވްރެޖްކޮށް ކުޑަވާނެ ގޮތަކަށް ފްލެޓުގެ އަގުން ޑިސްކައުންޓް ދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް ފްލެޓުގެ އަގުން ވެސް އެވަރުގެ ޑިސްކައުންޓެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ މިހާތަނަށް ލޯނު ހަމަޖައްސައިގެން ފައިސާ ދައްކާފައިވާ ފަރާތްތަކާއި، އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކޮށްފައިވާ ފަރާތްތަކަށް ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފްލެޓުގެ ޑައުންޕޭމަންޓަށްވާ އަދަދު 50 އިންސައްތަ އަގުން އުނިކުރެވި، އަދި އަގު އަދާކޮށްފައިވާ ފަރާތްތަކަށް މި ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ބަދަލާ ގުޅިގެން އެގްރީމެންޓަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. އަދި ވިނަރެސް މަޝްރޫއުން ފްލެޓު ގަތް މީހުން ޝަކުވާތަކާއި މައްސަލަ ބަލައިގަނެ، އެކަންކަމަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމައި، ރައީސް މުއިއްޒު އެކަން އިއުލާންކުރެއްވީ 5 ޑިސެންބަރު 2023ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް