ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 15:43
ކްރިސްޗަން ލިންޑްމަޔަރ؛ ޑަބްލިއުއެޗްއޯގެ ތަރުޖަމާނު
އދގެ ޖަމިއްޔާއަށް މާލީ އެހީ ދިނުން ހުއްޓާލުން
އދގެ ޖަމިއްޔާއަށް އެހީ ހުއްޓާލުމަކީ، ޙަޤީޤަތް ފޮރުވަން ޖަހާ މަޅިއެއް!
 
އިޒްރޭލުން ކުރި ތުހުމަތަކަށް ބުރަވެ، ޔޫއެންއާރްޑަބްލިއުއޭއަށް މާލީ އެހީ ދިނުން ހުއްޓާލި ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތްވެސް ހިމެނޭ

އިސްތިޢުމާރު ކުރުމާއި އަޅުވެތިކުރުމާ ދެކޮޅަށް އެންމެ ހަރު އަޑުން ވަކާލާތު ކުރަމުންދާ އަދުގެ 21 ވަނަ ޤަރުނުގައި، ދުވާލުގެ އަލިކަމުގައި، ފާޅުގައި ނަސްލު ދޮވެލުމުގެ ޖަރީމާ ހިންގަމުންދާ ޔަހޫދީ އިޒްރޭލުން ދަނީ، ފަލަސްޠީނުގެ ވަސް، މި ބިންމަތިން ފޮހެލުމަށް ކުރެވެން އޮތް ހާ ކަމެއް ކުރަމުންނެވެ. އެއް ގޮތުން ނުވިއްޔާ އަނެއް ގޮތަކުން ފަލަސްޠީނުގެ ނޭވާ ހޮޅީގައި އަތް އަޅާ ބާރު ކުރަމުން ދިއުމަކީ އިޒްރޭލުގެ ދުވަހުގެ ތާވަލުގެ އެންމެ މަތީގައި އޮންނަ ކަންތަކޭ ދެންނެވުމަކުން ގޯހެއް ނެތެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އިންތިހާ ދަތި ޙާލުގައި ދިރިއުޅެމުންދާ ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ޙަމާސް ޖަމާއަތް ނައްތާލަން ކަމަށް ބުނެ، އެ ސިޓީގައި އިޒްރޭލުން ޤަތުލުޢާންމު ހިންގާތާ 4 މަސް ވާން ގާތްވަނީއެވެ. އެ ޤަތުލުޢާންމަކީ އޮކްޓޯބަރ 7 ވަނަ ދުވަހު، ޙަމާސްއިން އިޒްރޭލަށް ދިން ކުއްލި ޙަމަލާގެ ރައްދު ކަމަށް ބުނެ، އެމެރިކާއިން ފަތުރާލި ދިފާޢީ އައްޑަނައިގެ ނިވަލަށް ވަނެވެ. އެވަރުން ފުއްދާލީއެއް ނޫނެވެ. ފަލަސްޠީނަށް އެހީއެއް ލިބިދާނެ ހެން ހީވާ ހުރިހާ މަގެއް ބަންދު ކުރަމުން ގޮސް، ބައިނަލްއަޤުވާމީ ފެންވަރުގައި ފަލަސްޠީނުގެ އެތައް ބަޔަކަށް އެންމެ ފުޅާ ދާއިރާއެއްގައި އެހީ ފޯރުކޮށްދޭ ޖަމިއްޔާވެސް ފިއްތާލީއެވެ.

ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދގެ ޖަމިއްޔާ (ޔޫއެންއާރްޑަބްލިއު) އޭގެ މުވައްޒަފުންގެ އަތެއް، އޮކްޓޯބަރ 7 ވަނަ ދުވަހުގެ ޙަމަލާގައި އޮތް ކަމަށް އިޒްރޭލުން ތުހުމަތު ކުރުމާއެކު، ކޮންމެ ކަމެއްގައި އިޒްރޭލު ކޮޅަށް ބުރަވާ އެމެރިކާއާއި، އެމެރިކާގެ އެކުވެރި ބައެއް ޤައުމުތަކުން ވަނީ އދގެ ޖަމިއްޔާއަށް މާލީ އެހީ ދިނުން ހުއްޓާލާފައެވެ. އދއިން ވަނީ، އިޒްރޭލުން ކުރި ތުހުމަތުތައް ތަޙްޤީޤުކޮށް، ފިޔަވަޅު އަޅަންޖެހޭ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ، ބައެއް މުވައްޒަފުންނާ ގުޅުންވެސް ކަނޑާލާފައެވެ. އެވަރުންވެސް އިޒްރޭލުގެ ހިތް ފުރޭ ގޮތެއް ނުވިއެވެ.

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ ޖަމިއްޔާއަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ދޭ މާލީ އެހީއަށް ބަރޯސާވެގެން ހިންގާ ޖަމިއްޔާއަކަށް ވާ އިރު، އެ އެހީ މެދުކަނޑާ ނުލުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޖެނުއަރީ 30 ވަނަ ދުވަހު، ޑޯނަރުންނަށް ވަނީ ގޮވާލާފައެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު، ކްރިސްޗަން ލިންޑްމަޔަރ ވިދާޅުވީ، މަޝްވަރާ ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށާ، ނަމަވެސް އެކަމަކީ، ޣައްޒާގައި ކޮންމެ ދުވަހެއްގެ، ކޮންމެ ގަޑިއަކު، ކޮންމެ މިނެޓަކު ހިނގަމުންދާ ކަންކަމުގެ ޙަޤީޤަތުން އެއްކިބާ ކުރުވަނިވި ކަމެއް ކަމަށެވެ.

ވަގުތީ ހިޔާތަކާއި، ޞިއްޙީ މަރުކަޒުތަކާއި ދެންވެސް ދޭ އެކަހަލަ ހުރިހާ އެހީއަކީ ޔޫއެންއާރްޑަބްލިއުއޭ މެދުވެރިކޮށް ޣައްޒާއަށް ފޯރުކޮށްދޭ އެހީ. އެހެންވީމަ، އަދިވެސް އެއްފަހަރު ޑރ ޓެޑްރޯޒްގެ މެސެޖު ތަކުރާރު ކޮށްލާނަން. މި ޙައްސާސް ވަގުތު، ޑޯނަރުންގެ އެހީ ހުއްޓާ ނުލުމަށް ގޮވާލަން. އެހީ ހުއްޓާލުމުގެ ވޭން ތަޙައްމަލު ކުރާޏެ ހަމަ އެކަނި ބަޔަކީ، އިންތިހާއަށް އެހީއަށް ބޭނުން ޖެހިފައި ތިބި ޣައްޒާގެ ރަށްވެހިން. އަދިވެސް ބައެއް ކަންކަން ފާހަގަކޮށްލާނަން. މަޝްވަރާކޮށް ވާހަކަދެއްކުމަކީވެސް މުހިންމު ކަމެއް. ތެދެއް، ހަމަ ޔަޤީނުންވެސް ޖިނާޢީ ކުށަކީ ޢަދަބެއް ނުދެވި ދާނެ ކަންކަމެއް ނޫން. އެކަމަކު، މި ދަނޑިވަޅުގަ މަޝްވަރާތަކެއް ކުރުމަކީ ކޮންމެ ދުވަހަކު، ކޮންމެ ގަޑިއަކު، ކޮންމެ މިނެޓަކު ޣައްޒާގަ ކަން ހިނގަމުންދާ ޙަޤީޤަތުން އެއްކިބާ ކުރަނިވި ކަމެއް.
ކްރިސްޗަން ލިންޑްމަޔަރ؛ ޑަބްލިއުއެޗްއޯގެ ތަރުޖަމާނު

އެ ޖަމިއްޔާއަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ލިބެމުން ދިޔަ އެހީ އިޔާދަ ނުކޮށްފި ކަމުގައި ވާނަމަ، ފެބުރުއަރީ މަހަށް ފަހު އެ ޖަމިއްޔާގެ އެހީ، ޣައްޒާއާއި މެދުއިރުމަތީގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ޔޫއެންއާރްޑަބްލިއުއޭއިން ޖެނުއަރީ 29 ވަނަ ދުވަހު ވަނީ ބުނެފައެވެ.

އިޒްރޭލުން ކުރި ތުހުމަތަކަށް ބުރަވެ، ޔޫއެންއާރްޑަބްލިއުއޭއަށް މާލީ އެހީ ދިނުން ހުއްޓާލި ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތްވެސް ހިމެނެއެވެ. މިއީ ބޮމާއި ބަޑީގެ ޙަމަލާތަކެއް ނުދިނެއް ކަމަކު، ޤަތުލުޢާންމަށް ހިތްވަރު ދީ، ނަސްލު ދޮވެލުމުގައި ބައިވެރިވުން ނޫން ދެވަނަ އެހެން ކޮން ކަމެއް ހެއްޔެވެ؟

އެހީ ހުއްޓާލުމަކީ މިހާރު ޣައްޒާގަ އޮތް 26000، 27000 މީހުންގެ މަރުން، އެހެން މިޞްރާބަކަށް ސަމާލުކަން އަނބުރާލުން. ގިނައީ އަންހެނުންނާއި ކުޑަ ކުދިން. އެހީ ހުއްޓާލުމަކީ، ޣައްޒާގެ މުޅި އާބާދީ އެ ކަންކަމަށް ބޭނުން ޖެހިފަ އޮތް ސާފު ބޯފެނާއި، ކާބޯތަކެއްޗާއި، ބޯހިޔާވަހިކަމުގެ ނަޒަރުން އެހެން ދިމާއަކަށް ސަމާލުކަން ގެންދިއުން. ޣައްޒާއިން ކަރަންޓު ކަނޑާލާފަ އޮންނަތާ 100 ދުވަހަށް ވުރެ ގިނަ ވެއްޖެކަން އޮއްބާލުން. ރައްކާތެރި ކަމަށް ބުނެފަ، އާބާދީއަކަށް އަމާޒުކޮށް، އެތަނަކަށް ބޮން އަޅަމުންދާކަން އޮއްބާލުން. ސްކޫލްތަކާއި، ހޮސްޕިޓަލުތަކަށްވެސް އެ ދަނީ ޙަމަލާ ދެމުން. ކޮންމެ ތަނަކަށް ދިނަސް، އެހީ ހުއްޓާލުމަކީ، ޙަޤީޤަތުން ސަމާލުކަން ކަސިޔާރު ކުރަން ކުރާ ކަމެއް. މަޝްވަރާގެ މުހިންމުވިއެއް ކަމަކު، ޣައްޒާގަ ހިނގަމުންދާ ކަންކަން މަތިން ހަނދާން ނައްތާލައިގެން ނުވާނެ.
ކްރިސްޗަން ލިންޑްމަޔަރ؛ ޑަބްލިއުއެޗްއޯގެ ތަރުޖަމާނު

އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ޣައްޒާ ހަފުސް ކުރަމުން ދާ އިރު، ފަލަސްޠީނުން މަރުވި މީހުންގެ ޢަދަދު 26000 އަށް ވުރެ މައްޗަށް އަރައެވެ. މިއީ މި ފަހުގެ ތާރީޚުގައި ބަޔަކާ ދެކޮޅަށް ހިންގާ އެންމެ ގެއްލުންދެނިވި ޤަތުލުޢާންމުގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ. ޙަމަލާ ދެނީ ޙަމާސްގެ ހަނގުރާމަވެރި ކިއްލާތަކަށް ކަމަށް އިޒްރޭލުން ބުންޏެއް ކަމަކު، ކަފުނުގައި ވާތީ ގިނައިން ފެންނަނީ ކުޑަކުދިންނެވެ.

ޣައްޒާއަށް ބޭނުންވާ އަސާސީ އަދި ޟަރޫރީ ޚިދުމަތާއި އެހީވެސް ލިބުނަކަ ނުދެއެވެ. މުޅި ޣައްޒާހެން މިއަދު އޮތީ ބަނޑަށް ޖެހިފައެވެ. ބަލިމަޑުކަން ފެތުރެމުން ދަނީ އޭގެ އެންމެ އިންތިހާއަށެވެ. ޞިއްޙީ ބޭސް ފަރުވާގެ އެންމެ އަސާސީ މިންވަރުވެސް ލިބެން އޮތީ ދެތިން ތަނެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް