ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 13:05
ރާއްޖެ އާއި އިންޑިއާ
ރާއްޖެ އާއި އިންޑިއާ
އިންޑިއާ ހިލޭ އެހީ
އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އެހީއެއް ދޭ އެއް ޤައުމަކަށް ރާއްޖެ، 1.2 ބިލިއަން ރުފިޔާއަށްވުރެ ގިނަ
މިއަހަރުގެ މާރޗު މަހުގެ 31 ގެ ނިޔަލަށް ރާއްޖެއަށް 770.90 ކްރޯޑު ރުޕީސްގެ އެހީދޭނެ
ރާއްޖެއަށް އެންމެ ގިނައިން ހިލޭ އެހީ ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި އަބަދުވެސް އަވައްޓެރި އިންޑިއާ ހިމެނޭ

އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އެހީއެއް ދިނުމަށް ހަމަޖެހިފައިވާ އެއް ޤައުމަކީ ރާއްޖެކަން އިންޑިއާގެ މާލީ ވުޒާރާއިން އާންމުކުރި އިންޓެރިމް ބަޖެޓުން ދައްކައިފިއެވެ.

އިންޑިއާއިން މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ ވެސް 1 އޭޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެހީގެ ގޮތުގައި ދިނުމަށް ކުރިން އަންދާޒާ ކޮށްފައިވާ އަދަދަކީ 400 ކްރޯޑް ރުޕީސް (48 މިލިއަން ޑޮލަރު) އެވެ.

އެހެންނަމަވެސް އިންޑިއާގެ އިންޓެރިމް ބަޖެޓު ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު، މިހާތަނަށް ދެވިފައިވާ އެހީގެ އަދަދާއި، ކުރިއަށް އަންދާޒާ ކުރެވޭ އަދަދުތަކާއެކު، މިއަހަރުގެ މާރޗު މަހުގެ 31 ގެ ނިޔަލަށް ރާއްޖެއަށް 770.90 ކްރޯޑު ރުޕީސްގެ (84 މިލިއަން ޑޮލަރު) ގެ އެހީ ދޭނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 1.2 ބިލިއަން ރުފިޔާއެވެ.

އިންޑިއާގެ އިންޓެރިމް ބަޖެޓު - އިންޑިއާގެ މާލީ ވުޒާރާ

2023 ވަނަ އަހަރުން 2024 ވަނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓުގައި އަވައްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާއިން އެންމެ ބޮޑު އެހީއެއް ދިނުމަށް ހަމަޖެހިފައިވާ އެއް ޤައުމަކީ ވެސް ރާއްޖެއެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހިގެން އަންނަ 2025 ވަނަ އަހަރުގެ މާރޗު މަހުގެ 31 ގެ ނިޔަލަށް ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (72 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ހިލޭ އެހީ ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި އަބަދުވެސް އަވައްޓެރި އިންޑިއާ ހިމެނެއެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި މިހާރުވެސް ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން ބައެއް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވެއެވެ.

- ކޮމެންޓް