ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ޒަވީ ހަނާންޑޭޒް ނިންމި ނިންމުން ބަދަލުކުރަން ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އެދުމުން ޒަވީ އެކަމަށް ފިނި ތަރުހީބެއް ދީފި އެވެ.
ޕޮލެންޑްގެ ކެޕްޓަން ލެވޮންޑޯސްކީ އަށް ޒަވީ މަގާމުން ވަކިވާކަން އެނގުނީ ސޯޝަން މީޑިއާއިންނެވެ. މިއާއެކު އޭނާ ވަނީ ޒަވީ އަށް މެސެޖްކޮށް، ވަކިން ބައްދަލުކޮށްފަ އެވެ. އޭނާ އެދުނީ ޒަވީގެ ނިންމުން ބަދަލުކޮށްދިނުމަށެވެ.
މިއާއެކު ލޮވެންޑޯސްކީ ވަނީ އޭނާގެ ގޭގައި ބާސެލޯނާގެ ކުޅުންތެރިންނަށް މެންދުރުގެ ހާއްސަ ކެއުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި އޭނާ އެދުނު ކަމަށްވަނީ ކުޅުންތެރިން އެކުވެރިވެ މި ސީޒަނުގެ ކުރިއަށްހުރި މެޗުތައް ކާމިޔާބު ކަމާއެކު ނިންމާލުމަށެވެ.
ބާސެލޯނާގެ ހަތަރު ކެޕްޓަނުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް ލެވޮންޑޯސްކީ ޓީމު ލީޑްކުރަން ފެށީ މެނޭޖްމަންޓުގެ އެދުމުގެ މަތިން ކަމަށްވެ އެވެ. އޭނާ އަކީ އެ ޓީމުގައި ހުރި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިޔާ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ލެވޮންޑޯސްކީ ވަނީ ޒަވީ މަގާމުން ވަކިވާކަން އެނގުމުން އެކަމާ ހިތާމަކޮށް ރޮއިފަ އެވެ.
އަދި މިދިޔަ ސީޒނުގައި ބާސެލޯނާ އަށް ބަދަލުވެ ދެއްކި ރަނގަޅު ކުޅުމާއި ޖެހި ގޯލުތައް މި ސީޒަނުގައި ތަކުރާރު ނުކުރެވޭތީވެ ޒަވީ ގާތުން ލެވޮންޑޯސްކީ މައާފަށް އެދުނު ކަމަށްވެ އެވެ.
ނަމަވެސް ސްޕޭނުގެ ނޫސްތަކުން ބުނަނީ ޒަވީ އާއި ލެވޮންޑޯސްކީގެ ބައްދަލުވުމުގައި މި ސީޒަނުގެ ޗެމްޕިއަންސް ލީގު ބާސެލޯނާ އަށް ކާމިޔާބު ކުރެވުނަސް ކޯޗުކަމުގައި ނުހުންނާނެ ކަމަށް ޒަވީ ބުނެފައިވާ ކަމަށެވެ. މީގެ ސަބަބަކީ ކޯޗުކަމާ ދުރަށް ދާން މާކުރިން ނިންމާފައިވުމާއި ކުރިމަތިވާ ޕްރެޝަރުތަކުގެ ސަބަބުން ޒަވީގެ އާއިލާ ދިރިއުޅުމަށް އުނދަގޫވާތީ ކަމަށްވެ އެވެ.
ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ބުނީ ޒަވީ ކޯޗުކަމުން ވަކިވާން ނިންމުމުން އެކަން ގަބޫލުކުރީ އޭނާ އަކީ އެކުލަބުގެ އެންމެ އަގުހުރި އެއް ލެޖެންޑަށްވުމާއި ކުރީގެ ކެޕްޓަނަކަށްވުމާއި އޭނާގެ ނިންމުމަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.