ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް ދީފައިވާ މާނަކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ދީފައިވާ މާނަކުރުމެއް ކަމުގައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާތިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް އެދި އެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް 28 ޖަނަވަރީ 2024ގައި ހުށަހަޅާފައި ވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއްކަމަށް ބަޔާންކޮށްފައިވާތީ، މިއީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަކުރުމެކެވެ. އަދި މިއީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާއާއި 87 ވަނަ މާއްދާއާއި 88 ވަނަ މާއްދާ، އަދި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާންކުރާ އެހެނިހެން މާއްދާތަކާ ތައާރުޒުވާ މާނަކުރުމެކެވެ.
ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ އެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ)އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާތިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް މި މައްސަލައިގައި އެދިފައިވާނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައި، މެންބަރުންގެ ސޮއި ހަމަކޮށްފައި ވަނިކޮށެވެ.