ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށް ތޯމަސް ޓުޗެލް، އެ ކުލަބާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ބަޔާން މިއުނިކުން ދޮގު ކޮށްފި އެވެ.
ބައިނަލްއަޤުވާމީ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޓުޗެލް އަންނަނީ ބާާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާ ކުރަމުންނެވެ. އެގޮތުން ބާސެލޯނާގެ ކޯޗުކަމުން ޒަވީ ހެނާންޑޭޒް، މިއަހަރުގެ ޖޫން މަހުގެ ފަހުން ވަކިވާއިރު، އެ މަގާމަށް ގެންނަން ބާސެލޯނާ އިން ބޭނުންވާ މީހުންގެ ލިސްޓުގައި ޓުޗެލްގެ ނަން އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ބަޔާނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޒަވީ ނުވަތަ އެކަމާ ގުޅޭ އެއްވެސް މީހަކާ ޓުޗެލް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން ބަޔާނުން ބުނީ، އެ ކުލަބުގެ ކޯޗާ ގުޅޭ ގޮތުން ފަތުރަމުން އަންނަ ވާހަކަތައް އެ ކުލަބުން ކުށްވެރި ކުރާ ކަމަށެވެ. ހަމައެހެންމެ، އަބަދު ވެސް އެ ކަހަލަ ވާހަކަތައް ފަތުރަމުން އަންނަ ކަމަށް ވެސް އެ ކުލަބުން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް، ސްޕޯޓަރުންގެ ޓުޗެލްއާ ކުރެވުނު ބައެއް ސުވާލުތަކަށް އޭނާ ޖަވާބު ދީފައިވާ ކަމަށް ބަޔާނުން ބުންޏެވެ. އެހެން ނަމަވެސް، އެކަމުގެ ތެރޭގައި މީޑިއާ ތަކުގައި ބުނެފައިވާ ފަދަ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރަން ބަޔާނުން ނިންމި ފަހުންނެވެ. ބަޔާނާއެކު ޓުޗެލް ސޮއި ކޮށްފައި ވަނީ، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ޓުޗެލްގެ އިރުޝާދުގެ ދަށުން މި ސީޒަންގެ ބައެއް މެޗުތަކުގައި ބަޔާނަށް ނަތީޖާ ނުނެރެތޭތީ، އޭނާ އަށް ޕްރެޝަރު ބޮޑުވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ޚާއްސަކޮށް ޖަރުމަނު ލީގުގައި މި ފަހުން އެ ޓީމުގެ ނަތީޖާ ދަށްވެފައިވާތީ، ޓުޗެލް އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް، ޓުޗެލް ބުނެފައިވާ ގޮތުގައި އޭނާ އަށް ބަޔާންގެ އެއްވެސް އިސް ވެރިޔެއްގެ ޕްރެޝަރެއް ނެތެވެ.