ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރުންނަށް ހުވައިލައިދޭން ސުޕްރީމް ކޯޓުން ދެކޮޅު ހަދާފައިވަނިކޮށް، އެ ތިން ވަޒީރުން، އަލުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކޮށްފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލައިގައި، ތިން ވަޒީރަކަށް ރުހުން ނުދިނުމަށް މަޖިލީހުން ނިންމީ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެގޮތުން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން، އެޓާނީ ޖެނެރަލް ނުވަތަ ބަންޑާރަ ނައިބު، އަހްމަދު އުޝާމުއެވެ.
އެ ތިން ބޭފުޅުންނަށް ރުހުން ނުދިނުމުން، ވަޒީރުންކަމަށް އެ ބޭފުޅުން އަލުން އައްޔަނުކޮށްފައިވާއިރު، އެކަމަކީ ސުޕްރީމު ކޯޓުން ދެކޮޅު ހަދާކަމެކެވެ. އެގޮތުން ހޯމަ ދުވަހު ރައީސް އޮފީހުގެ ފަރާތުން އެ ތިން ވަޒީރުންގެ ހުވާލައިދިނުމަށް ސުޕްރީމުކޯޓުިގައި އެދުނު ނަމަވެސް، އެކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ދެކޮޅުހައްދަވާފައެވެ.
އެ ތިން ވަޒީރުންނަށް ހުވާ ލައިދިނުމަށް ސުޕްރީމު ކޯޓުން ދެކޮޅު ހަދަނީ، 2010 ވަނަ އަހަރު އެ ކޯޓުން ކުރި ޙުކުމަކަށް ރިއާޔަތްކޮށެވެ. އެގޮތުން އެ ޙުކުމުގައި ބުނީ މަޖިލީހުގެ ރުހުން ނުލިބޭ ފަރާތްތަކަށް ވަޒީރުކަމުގައި ދެމި ނުތިބެވޭނެ ކަމަށެވެ.
އެހެން ނަމަވެސް، އެ ތިން ވަޒީރުންގެ ތެރެއިން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، އެ ވުޒާރާއަށް އައްޔަނުކުރިކަން ރަސްމީކޮށް އެ ވުޒާރާއިން އިއުލާންކޮށްފައިވެއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި ޖަލްސާގައި، އެ ތިން ވަޒީރުންނަށް ރުހުން ނުދިނީ އެމްޑީޕީއިން އެކަމުގައި ތްރީ ލައިން ވިޕެއް ނެރެ، އެކަމުގައި ޑިމޮކްރެޓްސް ވެސް ބައިވެރިވުމާއެކުއެވެ. އެގޮތުން ބަންޑާރަ ނައިބު އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ.
މީގެ އިތުރުން، އިސްލާމީ ވަޒީރު ޑރ. ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވިއިރު، ހައުސިން މިނިސްޓަރު ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވިއެވެ.