ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 11:46
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ
ރޮއިޓާސް
އިރާނާއި އެމެރިކާގެ ކޯޅުން
އުރުދުންގައި އެމެރިކާ ސިފައިންނަށް ދިން ހަމަލާގައި އީރާނުން ބައިވެރިވާ ކަމަށް އެމެރިކާއިން ކުރި ތުހުމަތު އީރާނުން ދޮގުކޮށްފި
 
އެމެރިކާގެ ރައީސް ވިދާޅުވީ މި ހަމަލާގެ ރައްދު އެމެރިކާއިން ބޭނުން ކޮންމެ ގޮތަކަށް ދޭނެ ކަމަށް

އުރުދުންގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒަކަށް ދިން ޑްރޯން ހަމަލާގައި އީރާނުން ބައިވެރިވާ ކަމަށް އެމެރިކާއިން ކުރި ތުހުމަތު އީރާނުން ދޮގުކޮށްފިއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވީ އުރުދުންގައި ހުންނަ އެމެރިކާގެ މަރުކަޒަކަށް ދިން ޑްރޯން ހަމަލާގައި ސިފައިންގެ ތިން މީހަކު މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލުމުގައި ތެހެރާނުން ބައިވެރިނުވާ ކަމަށެވެ.

އުރުދުން-ސީރިއާ ބޯޑަރުގެ މާ ދުރު ނޫން ހިސާބެއްގައި އޮންނަ ޓަވަރު 22 ގެ ނަމުން ނަން ދީފައިވާ އައުޓްޕޯސްޓަށް ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް އިންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މި ހަމަލާ ދީފައިވަނީ އީރާނަށް ތާއީދުކުރާ ހަރުކަށި ހަނގުރާމަވެރި ޖަމާއަތްތަކުން ކަމަށާއި އެމެރިކާގެ ގިނަ ސިޔާސީ ފަރާތްތަކުން މިކަމުގައި ސީދާ ތެހެރާން ކުށްވެރިކުރާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަން ވެސް އީރާނަށް އިޝާރާތް ކުރައްވައި، "ސަރަހައްދުގެ ހަމަނުޖެހުން ތައް ނައްތާލުމަށް" އެދިވަޑައިގެންނެވިއެވެ.

ބައިޑަން ވަނީ އެމެރިކާގެ މީހުންގެ މަރުތަކަށް ރައްދު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ޒިންމާއުފުލަންޖެހޭ އެންމެން ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އުރުދުންގައި މި ހަމަލާ ދީފައި މިވަނީ އެ ސަރަހައްދުގެ ޝިޔާ ޖަމާއަތްތަކުން ފަލަސްތީނާ އެއްބައިވަންތަކަން ފާޅުކޮށް އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުން ދަނިކޮށެވެ. ލުބުނާނުގެ ހިޒްބުالله އިން ތަކުރާރުކޮށް އިސްރާއީލަށް ރޮކެޓާއި މޯޓާ ބަޑިން ހަމަލާތައް ފޮނުވާލިއިރު ޔަމަނުގެ ޙޫޘީން ދަނީ ރަތް ކަނޑުން ދަތުރުކުރާ ވިޔަފާރީގެ އުޅަނދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނުގައި ތިބި ޙޫޘީންގެ އަމާޒުތަކަށް ހަމަލާދޭން ފެށީ ބައިނަލްއަގުވާމީ ޝިޕިންތައް ހިމާޔަތް ކުރަން ޖެހޭ ކަމަށް ބުނެ މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

އިރާގާއި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ ތަންތަނަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލި ކަތައިބް ހިޒްބުالله ޖަމާއަތާ ގުޅުން ހުރި އިރާގުގެ ހުޅަނގުގެ ތިން ސަރަހައްދަކަށް އެމެރިކާ ސިފައިން އިއްޔެވެސް ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް