ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 15:51
ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް
ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކޮމިޝަނަރ އޮފް ސްޕޯޓްސް
މަޖިލިސް ދޮށަށް މީހުން އެއްވުމަށް ސްޕޯޓްސް ކޮމިޝަނަރު ގޮވާލައްވައިފި
 
ކުޅިވަރު ޤާނޫނުގައި ވާގޮތުން، ކޮމިޝަނަރަށް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި، އަދި މަޤާމެއްގައި ވެސް ނުހުރެވޭނެ

ރައްޔިތުންގެ މަޖިލިސްކުރާ އިދާރާ ދޮށަށް މީހުން އެއްވުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ގޮވާލައްވައިފިއެވެ.

ޠަލާލް މިފަދައިން ގޮވާލެއްވީ، ވެރިކަންކުރާ ކޯލިޝަންގެ ވަޓްސްއެޕް ގުރޫޕަކަށް އާދީއްތަ ދުވަހު ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން ވީހާވެސް ގިނަ ބޭފުޅުންނާއެކު، މެންދުރު 13:30ށް މަޖިލިސްކުރާ އިދާރާ ދޮށަށް އެއްވުމަށް ޠަލާލް ވަނީ އެދިވަޑައިގެންފައެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ، ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން އާދީއްތަ ދުވަހުގެ މެންދުރުފަހު ވޯޓަށް އަހަން ތާވަލުކޮށްފައި ވަނިކޮށެވެ. މަޖިލިސް އިދާރާ ދޮށަށް ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ނައިބު ވަޒީރުން، އަދި އެހެނިހެން ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ވަޑައިގެން އަޑުގަދަކުރައްވާފައެވެ.

ޕީޕީއެމް - ޕީއެންސީގެ ވަޓްސް އަޕް ގުރޫޕަކަށް ސްޕޯޓްސް ކޮމިޝަނަރު ޠަލާލް ފޮނުއްވި މެސެޖު

އެއީ، ވަޒީރުންނަށް ރުހުން ދިނުމުގެ މަރުޙަލާގައި، ހަތަރު ބޭފުޅަށް ރުހުން ނުދިނުމަށް، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފައި ވަނިކޮށެވެ. އެމްޑީޕީން ރުހުން ނުދިނުމަށް ފާސްކޮށްފައިވަނީ، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްޑރ. ޢަލީ ޙައިދަރު އަޙްމަދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، އަދި ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމަށެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގައި އޮންނަ ގޮތުން، ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމަށް ޢައްޔަން ކުރައްވާ ބޭފުޅަކަށް، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައެއް ނުހުންނެވޭނެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ވެސް ނުހުންނެވޭނެއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރާނީ، ކުޅިވަރާބެހޭ މިނިސްޓަރާއި ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ލަފަޔާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމަށް ޠަލާލް ޢައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ. އޭގެ ކުރިން ޠަލާލަކީ ޕީޕީއެމްގެ މެމްބަރެކެވެ. އޭގެ އިތުރުން، ޠަލާލް ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމު ވެސް ފުރުއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް