ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 12:10
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ އަސްކަރިއްޔާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަނީ
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ އަސްކަރިއްޔާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވަނީ
ރޮއިޓާސް
އެމެރިކާ ސިފައިން އިރާގުން ބޭލުން
އެމެރިކާ އާއި އިރާގުގެ އަސްކަރީ ކޯލިޝަން ރޫޅާލުމާ ބެހޭ ގޮތުން ރަސްމީ މަޝްވަރާތައް ފަށައިފި
 
އައިއެސް ބަލިކުރުމަށް 2014 ވަނަ އަހަރު އުފެއްދި ކޯލިޝަންގެ ދަށުން އިރާގުގައި މިހާރުވެސް ގާތްގަނޑަކަށް 2500 އެމެރިކާ ސިފައިން އެބަތިބި

އެމެރިކާ އާއި އިރާގުގެ އަސްކަރީ ކޯލިޝަން ރޫޅާލައި އިރާގުގައި ތިބި އެމެރިކާ ސިފައިން ބޭލުމާ ބެހޭ ގޮތުން ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

އެމެރިކާ އާއި އިރާގުގައި ތިބި ބޭރުގެ އެހެން ސިފައިންގެ މުސްތަގުބަލާ ބެހޭ ގޮތުން އެމެރިކާ އާއި އިރާގުން ފުރަތަމަ ބުރުގެ މަޝްވަރާތައް މީގެ ކުރިން ބާއްވާފައިވާއިރު، ބަޣުދާދުން އުންމީދު ކުރަނީ އެމެރިކާ ސިފައިން އެ ގައުމުން ބޭލުމަށް ޓައިމްލައިނެއް އެކުލަވާލެވޭނެ ކަމަށެވެ.

އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީގެ އިތުރުން އިރާގު ސިފައިންނާއި އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަންގެ އިސް އޮފިޝަލުން ހޮނިހިރު ދުވަހު ބަޣުދާދުގައި ވަނީ ބައްދަލުކުރައްވާފައެވެ.

އަލް ސޫދާނީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޖޮއިންޓް ކޮމިޝަނުން މަސައްކަތް ކުރާނީ އިރާގުގެ ކޯލިޝަން ނިމުމަކަށް ގެނައުމަށް އިރާގާއި އެމެރިކާއާ ދެމެދު ބާއްވާ ބައިލެޓަރަލް ޑައިލޮގްގެ ފުރަތަމަ ބުރުން ލިބުނު ނަތީޖާގެ މައްޗަށް ބުރަވެ އެމެރިކާ ސިފައިން އިރާގުން ވީ އެންމެ އަވަހަކަށް ބޭލުމުގެ މަސައްކަތް ކަމަށެވެ.  

"އައިއެސް އާ ދެކޮޅަށް ގްލޯބަލް ކޯލިޝަންގެ އަސްކަރީ މިޝަން ފެށުނުތާ ދިހަ ވަރަކަށް އަހަރު ފަހުން އަދި އިރާގުގެ ސަލާމަތީ އަދި އަސްކަރީ ބާރުތަކާ ގުޅިގެން އެ ޖަމާއަތުގެ މިޝަން ކާމިޔާބުކަމާ އެކު ހާސިލް ކުރުމަށް ފަހު، އެ މިޝަން ނިމުމަކަށް ގެނައުމުގެ ކަންކަން އަސްކަރީ މާހިރުން ބަލަހައްޓާނެ،" އެ ބަޔާނުގައި ވެއެވެ.

އައިއެސް ބަލިކުރުމަށް އިރާގު ސަރުކާރަށް އެހީވުމަށް 2014 ވަނަ އަހަރު އުފެއްދި ކޯލިޝަންގެ ދަށުން މިހާރުވެސް އިރާގުގައި ގާތްގަނޑަކަށް އެމެރިކާގެ 2500 ސިފައިން އެބަތިއްބެވެ.

އެމެރިކާއިން ބުނީ މިޝަން ނިމުމުގެ ޝަރުތުތަކާ މެދު މަޝްވަރާ ކުރުމަށް ކޮމިޓީއެއް އެކުލަވާލުމުގެ މަގްސަދާ ބެހޭ ގޮތުން އެންމެ ފުރަތަމަ މަޝްވަރާ ކުރީ މިދިޔަ އަހަރު ކަމަށެވެ.

ނަމަވެސް އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރުވަމުންދާއިރު، އިރާގާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް އީރާނާ ގުޅިފައިވާ ޖަމާއަތްތަކުން ތަކުރާރުކޮށް ދަނީ ހަމަލާތައް ދެމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއިން ރައްދުދިނުމުގެ ހަމަލާތަކާއި، އެ ގައުމުގެ ސަރަހައްދަށް އެމެރިކާއިން "ހަރުކަށި" އަމަލުތަކެއް ހިންގަމުންދާތީ އެކަމުގެ ޝަކުވާތައް އިރާގުން ދަނީ ކުރަމުންނެވެ.

އިރާގުގެ މައްޗަށް އައިއެސްގެ ބާރު ގެއްލުނު ފަހުން އޮފިޝަލުން ވަނީ ގުޅިފައިވާ ސިޔާސީ ފައުޖުތައް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ، ހާއްސަކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ އާއި އިރާގުގެ މިލިޝިއާ ލީޑަރު އަބޫ މަހްދީ އަލް މުހަންދިސް ބަޣުދާދު އެއާޕޯޓުގެ ބޭރުގައި މަރާލުމާ ގުޅިގެންނެވެ.

އިރާގުގެ އޮފިޝަލުން ވަނީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އެގައުމުގެ އިސްތިގުލާލަށް އުނިކަން އަންނަ ކަމުގެ ޝަކުވާ ކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވޮޝިންޓަނުން ބުނީ ޖޮއިންޓް ކޮމިޝަންގެ ދަށުން "އަސްކަރީ އަދި ދިފާއީ ފަންނުވެރިންގެ އެކްސްޕާޓް ވޯކިން ގްރޫޕްތައް" ތައާރަފް ކުރުމާ މެދު ބަޣުދާދާއެކު އެއްބަސްވެފައިވާ ކަމަށެވެ.

މި ތިން ވޯކިން ގްރޫޕުން "އައިސިސް [އައިއެސްއައިއެސް] ގެ ނުރައްކަލުގެ މިންވަރާއި އޮޕަރޭޝަނަލް އަދި ތިމާވެށީގެ ބޭނުންތަކާއި އިރާގުގެ ސަލާމަތީ ބާރުތަކުގެ އިތުރުވަމުންދާ ގާބިލްކަން އިތުރަށް ހަރުދަނާކުރުން" ބަލާނެ ކަމަށް އަލް ސޫދާނީގެ އޮފީހުން ބުންޏެވެ.

އެމެރިކާގެ ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރިން ސިންގް ވެސް ވަނީ އިރާގުގައި އެމެރިކާގެ އަސްކަރިއްޔާގެ ހަރަކާތްތައް އިތުރުވަމުން ދާކަމަށްވާނަމަ މަޝްވަރާތަކުގައި އެވާހަކަތައް ދެކުން ގިނަވާނެކަމަށެވެ.

އެމެރިކާ ސިފައިން އިރާގުން ފޭބުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ނިންމީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އިރާގުގައި ހަރަކާތްތެރިވާ އައިއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ނިންމުމުގެ ކްރެޑިޓް އިރާގުގައި ހަރަކާތްތެރިވާ އައިއެސް އިން ނަގާފައިވާ ކަމަށާއި އެއީ "އެމެރިކާ މީހުންނަށް ހަމައެކަނި ބާރުގެ ބަހުރުވަ އެނގޭކަން ސާބިތުކޮށްދޭ ކަމެއް" ކަމަށާއި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް