ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 10:28
އިޓާލިއަން ލީގުގައި ޔުވެންޓަސް އަދި އެމްޕޮލީ ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ޔުވެންޓަސް އަދި އެމްޕޮލީ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިޓާލިއަން ލީގު
އެމްޕޮލީއާ އެއްވަރުވެ، ޔުވެންޓަސް އިން ފުރުސަތު ނަގާލައިފި
ނަތީޖާއާއެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުން

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ޔުވެންޓަސް އިން އެއް ވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ލީގުގައި ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މި ސީޒަންގެ ލީގުގައި ޔުވެންޓަސް އިން ރަނގަޅު ނަތީޖާއެއް ހޯދަމުން އަންނައިރު، އެ ޓީމުން އަންނަނީ ލީގަށް ވާދަކުރަމުންނެވެ.

މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ޔުވެންޓަސްގެ އާކަންޑިއުސް މިލިކް އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލައިފަ އެވެ. އޭގެ ފަހުން މެޗުގެ ބާކީ ބައި ޔުވެންޓަސް އިން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މިފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ޑޫސަން ވްލަހޮވިޗް އެވެ. ނަމަވެސް މެޗުގެ 70 ވަނަ މިނެޓުގައި އެމްޕޮލީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޓޮމާސޯ ބަލްޑަންޒީ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބެންޗުންނެވެ.

ނަތީޖާއާއެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ކުޅުނު 22 މެޗުން 53 ޕޮއިންޓު ހޯދައިގެންނެވެ. ޔުބެންޓަސް އަށް ވުރެ ދެ މެޗު މަދުން ކުޅެގެން، ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ލިބެނީ 51 ޕޮއިންޓެވެ.

- ކޮމެންޓް