ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 10:02
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ރޮއިޓާސް
ބާސެލޯނާ
ސީޒަން ނިމުމާއެކު ބާސެލޯނާ ދޫކޮށްލަން ޒަވީ ނިންމައިފި
 
ޒަވީ ބުނީ، މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ފަހުން، ބާސެލޯނާގެ ކޯޗުކަމުގައި އޭނާ ނުހުންނާނެ ކަމަށް

މިހާރު ކުރިއަށްދާ ސީޒަން ނިމުމާއެކު، ސްޕެއިންގެ ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ހާމަކޮށްފި އެވެ.

ޒަވީ އެކަން ހާމަކޮށްފައި ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަަމުންނެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާގެ ނަތީޖާ ދަށްވެފައިވާއިރު، ދާދި ފަހުން ވަނީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުން ވެސް ބަލިވެފަ އެވެ. އަދި އޭގެ ފަހުން ސްޕެނިޝް ކަޕުން ވެސް އެ ޓީމު ވަނީ ކަޓައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ، މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ފަހުން، ބާސެލޯނާގެ ކޯޗުކަމުގައި އޭނާ ނުހުންނާނެ ކަމަށެވެ. ޒަވީ ބުނީ އޭނާ މިހާރު ނިންމައިގެން ހުރީ، އެ މުއްދަތުގެ ފަހަށް، ބާސެލޯނާގައި ކުރިއަށް ދާން އޭނާ ބޭނުންނުވާ ކަމަށެވެ. އެކަން ފާހަގަކޮށް ޒަވީ ބުނީ، އިތުރަށް ދެން އޭނާ ބާސެލޯނާގައި ހުރުމަކީ، ކުލަބަށް ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އިތުރަށް ޒަވީ ބުނީ ބާސެލޯނާގެ ރައީސް، ނައިބު ރައީސް އަދި ސްޕޯޓިން ޑިރެކްޓަރާ ވާހަކަ ދެއްކުމަށްފަހު، އޭނާގެ ނިންމުން ނިންމާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް، މިއީ އެކަން އިއުލާން ކުރުން އެންމެ ރަނގަޅު ވަގުތުކަމަށް ވެސް އޭނާ ބުންޏެވެ.

ބާސެލޯނާ އަށް ކުރިން ކުޅެފައިވާ ކުޅުންތެރިޔާ، އެ ޓީމުގެ ކޯޗުކަމާ ހަވާާލުވީ 2021 ވަނަ އަހަރު އެވެ. އެއީ، އޭނާގެ ކުރިން އެ މަގާމުގައި ހުރި ރޮނާލްޑް ކޫމަން ވަކި ކުރުމަށްފަހު އެވެ. ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވީއިރު، އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ. ނަމަވެސް ބާސެލޯނާ އާއެކު އޭނާ ވަނީ މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. ބާސެލޯނާ އާއެކި ޒަވީ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން ޖަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވާ، ޒަވީ ބާސެލޯނާ ދޫކޮށްލަން ނިންމީ، އޭނާ އަށް އިންތިހާ އަށް ޕްރެޝަރު ވެސް ބޮޑުވެފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
50%
50%
ކޮމެންޓް