ބިމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.
މެންބަރު މީކާއީލް ހުށަހަޅުއްވާފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު، އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ އަވަހަށް ލިބޭގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށެވެ. މި ބިލްގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ އާދިއްތަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
މި އިސްލާހުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު، އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ، މި ބިލު ތަސްދީގުކުރާތާ ގިނަވެގެން ތިންމަސް ދުވަހުގެ ތެރޭގައި އެ ލިބުނު ފަރާތްތަކާ ހަވާލުކުރުން ސަރުކާރަށް ލާޒިމްކުރުމަށެވެ. މި ބިލު ހުށަހަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތުގެ ދަށުން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން، އެތައް އަހަރުތަކަށްފަހު މާލޭ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި އާންމުކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، ގޯތި ލިބުނު ފަރާތްތަކާ ހަވާލުކޮށްފައި ނުވާތީއެވެ.
މެންބަރު މީކާއީލް ހުށަހެޅުއްވި މި އިސްލާހަކީ މިފަދަ މައްސަލަތައް ތަކުރާރުވެގެން ނުދާނޭކަން ކަށަވަރުކުރުމަށާއި، ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ހުށަހެޅުއްވި އިސްލާހެކެވެ.
މެންބަރު މީކާއީލް ހުށަހަޅުއްވާފައި ވަނީ ބިމާބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން 1-12 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީޚުން ފެށިގެން ގިނަ ވެގެން 6 މަސް ދުވަހުގެ ތެރޭގައި، ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ. އަދި މި މާއްދާގެ (ށ) ގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކަށް، އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލުކުރަންވާނެ ކަމަށެވެ.
މެންބަރު މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 13 ވަނަ މާއްދާއަށް (ނ) އަދި (ރ)ގެ ގޮތުގައި އަކުރުތަކެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. 13 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމި ލިސްޓު ގެޒެޓްކުރާ ތާރީޚުން ފެށިގެން ގިނަ ވެގެން 6 މަސްދުވަހުގެ ތެރޭގައި، ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއިން ހަވާލުކުރަންވާނެ ކަމަށެވެ.
މި މާއްދާފެ (ރ)ގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު، ރަޖިސްޓްރީ ހަވާލުނުކޮށް ހުރި ގޯތިތަކުގެ ރަޖިސްޓްރީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކަށް، އެ ގޯތި ދޫކުރި އިދާރާއިން ހަވާލުކުރަންވާނެ ކަމަށެވެ.